ދުނިޔެ

ސީއައިއޭއަށް 1000 ޕަސެންޓް އިތުބާރުކުރަން: ޓްރަމްޕް

Jan 22, 2017

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް ކޮމާންޑް (ސީއައިއޭ) އަށް 1000 ޕަސެންޓް އިތުބާރުކުރައްވާ ކަމަށާއި އެ އިދާރާއާ އޭނާއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށް އެގައުމުގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޓްރަމްޕް ސީއައިއޭގެ މައި އިދާރާއަށް ކުރެއްވި ޒިޔާރަތުގައި އޭނާ ވަނީ އެ އިދާރާގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ. އަދި އޭނާ އާއި އެ އިދާރާއާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް މީޑިއާގައި ފެތުރި ހަބަރުތައް އޭނާ ދޮގުކުރެއްވި އެވެ.

ސީއައިއޭގެ 300 އަށް ވުރެ ގިނަ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިންޓެލިޖެންސް ކޮމިއުނިޓީއަށް އިތުބާރުކުރައްވާ ކަމަށާއި ސީއައިއޭއަށް ބޮޑު އިހުތިރާމެއް ކުރައްވާ ކަމަށެވެ. އޭނާއާ އެއިދާރާއާއި ދެމެދު މައްސަލަތަކެއް އޮތް ކަމަށް ފެތުރުނު ހަބަރުތައް ދޮގުކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ނޫސްވެރިންނަކީ އެންމެ ދޮގުވެރި މީހުން" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތް ކުރެވޭނީ ވަރަށް މަދު ބަޔަކަށް. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވަން އަޅުގަނޑު ބޭނުމީ އަޅުގަނޑު މިހިރީ ތިޔަބޭފުޅުންގެ ފަހަތުގައި ކަން،" ސީއައިއޭގެ މުވައްޒަފުންނާ މުހާތަބު ކުރައްވާ ޓްރަމްޕް ވިދާޅުވެފައި ވެއެވެ. – އަލް ޖަޒިރާ