ގަތަރު

ސޫރިއާ އަލުން ބިނާކުރުމަށް އެހީވުމަށް ގަތަރުން ތައްޔާރު

ސޫރިއާގެ އިންތިގާލީ ސަރުކާރަށް އެހީތެރިވުމަށާއި އެ ގައުމުގެ ހަކަތައިގެ ދާއިރާއަށާއި ބަނދަރުތައް ހެދުމަށް ހަރަދު ކުރުމަށް ތައްޔާރަށް އޮތް ކަމަށް ގަތަރުން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ސޫރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާ ގުޅިގެން، އެ ކަމުގައި އެންމެ އިސް ދައުރެއް އަދާކުރި ހަނގުރާމަވެރި ޖަމާއަތް -- ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ އަހްމަދު އަލް ޝަރާއު ވަނީ ގައުމުގެ ހިންގުމާ ހަވާލުވެފަ އެވެ.

އިންތިގާލީ ސަރުކާރުން މިހާރު ދަނީ ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ހަފްތާގެ ހޯމަ ދުވަހު ގަތަރުގެ ދާހިލީ ވުޒާރާގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އަލް-ޚުލަފީ ވަނީ ސޫރިއާގެ ވެރިރަށް ދިމިޝްގަށް ޒިޔާރަތް ކުރައްވާފަ އެވެ. މިއީ އަސަދުގެ ވެރިކަން ނިމުނު ފަހުން އެ ގައުމަށް ދަތުރުކުރި ގަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓެވެ. މި ދަތުރުގައި އަލް-ޚުލަފީ ވަނީ އިންތިގާލީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ސޫރިއާއަށް ގަތަރުން ކޮށްދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލް-ޝަރާއު ވިދާޅުވީ ހަކަތައިގެ ދާއިރާއިންނާއި ބަނދަރުތައް ހެދުމުގެ މަސައްކަތަށް ހަރަދު ކުރުމަށް ގަތަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވެދާނެ ދަތިތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވި އެވެ.

ސޫރިއާއަށް ޒިޔާރަތް ކުރުމަށް ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އަލް-ޘާނީއަށް ދައުވަތު އަރުވާފައިވާ ކަމަށްވެސް އަލް-ޝަރާއު ވިދާޅުވި އެވެ. މި ކަންކަމުން ދޭހަވަނީ ސޫރިއާގެ އާ ސަރުކާރާއެކު ގަތަރުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމެވެ.