ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ ގަތަރު އެމްބަސީ އަންގާރަ ދުވަހު ހުޅުވާނެ އެވެ. ސީރިއާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން މި އެމްބަސީ 2011 އިން ފެށިގެން ހުރީ ބަންދުކޮށްފަ އެވެ.
ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުން އެމްބަސީ ހުޅުވަން މަގުފަހިކުރުމަށް -- އަދި ކުރަން ޖެހޭ ހުރިހައި ކަމެއް ފުރިހަމަކުރުމަށް ހާރިޖީ ވުޒާރާގެ ޓީމެއް މިހާރު ތިބީ ދިމިޝްގުގައެވެ.
ދިމިޝްގައި ހުރި ގަތަރު އެމްބަސީ ބަންދުކުރިއިރު ސަފީރުގެ މަގާމުގައި ހުންނެވީ ޒައިދު އަލްޚަޔަރީން އެވެ.
އެމްބަސީ ބަންދުކުރަން ގަތަރުގެ ސަރުކާރުން ނިންމުމާ ގުޅިގެން ދިމިޝްގުން ސަފީރު ފައިބާވަޑައިގަތީ ޖުލައި 2011 ގައެވެ.
ގަތަރުގެ އަލްޖަޒީރާ ޓީވީން ބައްޝާރުލް އަސަދާ ދެކޮޅަށް ގެނެސްދިން ރިޕޯޓްތަކުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
ސީރިއާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އަސަދަށް ތާއިދުކުރާ ސިފައިން ދިން ނުރައްކާތެރި ހަމަލާތައް ކަވަރުކުރުމުގައި އަލްޖަޒީރާ އޭރު ބުރަ މަސައްކަތްތަކެއް ކުރި އެވެ.
ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ސީރިއާ އަލުން ތަރައްގީކޮށް އާބާދުކުރުމުގައި -- އެ ގައުމުގެ އާންމު ރައްޔިތުންނަށް މަންފާ ހުރި ހުރިހާ ކަމެއްގައި ގަތަރު ބައިވެރިވާނެ އެވެ.
ސީރިއާގައި އޮތް 25 އަހަރުވީ ބައްޝާރުލް އަސަދުގެ ވެރިކަން، ހައިއަތު ތަހުރީރުއްޝާމްގެ ހަނގުރާމަވެެރިން ވަނީ ހަފުތާއެއް ތެރޭގައި ވައްޓާލާފަ އެވެ.
ސީރިއާގައި އިންތިގާލީ ސަރުކާރެއްވެސް މިހާރު ދަނީ އެކުލަވާލަމުންނެވެ. މިކަމަށް މަގުފަހިކުރުމަށް އިންތިގާލީ ބޮޑުވަޒީރަކުވެސް ވަނީ މިހާރު އައްޔަންކޮށްފަ އެވެ.
ބޮޑުވަޒީރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މުހައްމަދު އަލް ބަޝީރު ނަމަކަށް ކިޔާ -- ހައިއަތު ތަހުރީރުއްޝާމްގެ ހަނގުރާމަވެެރިންނާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަސަދުގެ ސަރުކާރު ވައްޓާލުމަށްޓަކައި ތުރުކީން ވެސް ވަނީ ހަނގުރާމަވެރިންނަށް މަދަދުވެރިވެފަ އެވެ. އަދި ހަނގުރާމަވެރިންގެ އަތްމައްޗަށް ސީރިއާ ދިއުމާ އެކު ތުރުކީން ވެސް ވަނީ ދިމިޝްގްގައި އެމްބަސީ ހުޅުވާފަ އެވެ.