ސަރަހައްދީ ނުތަނަވަސްކަމުން ފައިދާ ނަގައި ގޯލާންގެ އުސްބިންތައް އިސްތިއުރާމުކުރުމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އާ ޕްލޭނެއް އެކުލަވާލައްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫގެ މި ނުބައި ރޭވުންތައް ކާމިޔާބުކުރުމަށް އޭނާގެ ސަރުކާރުގެ ހުރިހާ ވަޒީރުން ވަނީ -- އެއްވެސް ޚިލާފެއް ނެތި އާނބަސް ވިދާޅުވެފަ އެވެ.
ސީރިއާގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ބޮޑުވަޒީރަށް ވަނީ ދެއްވާފަ އެވެ.
ގޯލާންގެ އުސްބިންތަކުގައި ވަޒަންވެރިން ދެގުނަ ކުރުމާއި ސަރުކާރުގެ ހިދުމަތްތަކާ ބެހޭ އިދާރާތައް އެ ސަރަހައްދުގައި އިތުރުކުރުމަކީވެސް ޒަޔަނިސްޓުންގެ ރޭވުމެކެވެ.
ބެންޖަމިން ނަތަންޔާހޫގެ މި ރޭވުން ކާމިޔާބުކުރުމަށް 11 މިލިއަން ޑޮލަރު ހޭދަކުރުމަށް ވަޒީރުންގެ މަޖިލީހުން އެއްބަސްވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ވަޒީރުންނާ މުހާތަބުކުރައްވައި ނަތަންޔާހޫ ދެއްކެވި ވާހަކަތަކުގައި، މި ދަނޑިވަޅަކީ ގޯލާނުން ފައިދާ ނެގިދާނެ ވަގުތެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ސަރަހައްދުގައި އާބާދީ ދެގުނަ އިތުރުކުރުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ސީރިއާގެ ގޯލާންގައި ދަރިވަރުންނަށް ވަކި އަވަށެއް ބިނާކުރުމާއި ތައުލީމީ މަރުކަޒުތައް އަދި އިއާދަކުރަނިވި ހަކަަތަ އުފެއްދުން ފަދަ ސިނާއީ މަސައްކަތްތައް ކުރުންވެސް ހިމެނެ އެވެ.
ބޭރު ގައުމުތަކުން ޔަހޫދީން އިޒުރޭލަށް ގެނެސް، ވަޒަންވެރިކުރުމުގެ ކުރިން ފެނަށް ދިރުވުމަށްޓަކައި، ގޯލާންގައި ފަރުވާދޭ މަރުކަޒުތައް ހެދުމަކީވެސް ނަތަންޔާހޫގެ ޕްލޭންގައި އޮތް ކަމެކެވެ.
ގޯލާން ވަށައިގެން ބެލެހެއްޓުމަކީ އިޒުރޭލު ދައުލަތެއް ގޮތުގައި ދެމިއޮތުމަށް މުހިއްމު ކަމެއް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި ގޯލާންގެ ވަކި ފަށަލައެއްގައި އަސްކަރީ މަރުކަޒުތައް ބިނާކުރުމާއި، ސިފައިން ތަމްރީންކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ގޯލާން އަކީ އިޒުރޭލުން ވަކިނުކުރެވޭނެ ސަރަހައްދެއް ކަމަށް ނަތަންޔާހޫ މީގެކުރިންވެސް ވަނީ ވިދާޅުވެފަ އެވެ. އަދި މިއަށް ވުރެ ބޮޑު ނުބަޔަކީ، އިޒުރޭލުން މިހާރު ފޭރިގެންފައި އޮތް ސަރަހައްދަށް ވުރެ ބޮޑު ބައެއް އިސްތިއުމާރުކުރަން މުޅިން އާ ރޭވުންތަކެއް ނަތަންޔާހޫގެ އަމުރަށް ތަންފީޒުކުރަމުން ދިއުމެވެ.