ސީރިއާގެ ސަރަހައްދެއް ކަމަށްވާ ގޯލާންގެ އުސް ބިންތަކަކީ އިޒުރޭލުގެ މުހިއްމު ބައެއްގެ ގޮތުގައި އަބަދަށް ދަމަހައްޓާނެ ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އިޒުރޭލުގެ އަސްކަރީ ބާރުތަކުން 1967 ގައި ކުރި ހަ ދުވަހުގެ ހަނގުރާމާގައި، ސީރިއާގެ މި ސަރަހައްދު ވަނީ ޖަހައިގެންފަ އެވެ. އަދި ދުނިޔޭގެ ހުރިހައި ގާނޫނަކާއި ގަވާއިދަކާ ދެކޮޅަށް އެއީ އިޒުރޭލުގެ ބިމެއް ކަމަށް ހަދައި 1981 ގައި ވަނީ ހީރަސް ޖަހާފަ އެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ގައުމު ދޫކުރައްވައި ރަޝިއާއަށް ހިޖުރަކުރެއްވުމާ ގުޅިގެން، ސީރިއާ މިހާރު އޮތީ ހަނގުރާމަވެރިންގެ އަތްދަށުގަ އެވެ. ސީރިއާގައި މި ވަގުތު ހިންގާނެ ރަސްމީ ސަރުކާރެއް ނެތެވެ. ވެރިއަކު ހޮވުމަށް އިންތިހާބެއް ބާއްވާނެ ދުވަހެއް އަދި ކަށަވަރެއް ނުވެ އެވެ.
ހަނގުރާމަވެރިންގެ އަތްދަށަށް ސީރިއާ ދިއުމާ އެކު އިޒުރޭލުން ވަނީ ޔަހޫދީންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. މިގޮތުން އިޒުރޭލާ އިންވެގެން އޮންނަ ގޯލާންގެ އުސް ބިންތަކުގައި އަސްކަރިއްޔާ ވަނީ ރުކުރުވާލާފަ އެވެ.
އަދި މީގެ ކުރިން ސީރިއާ-އިޒުރޭލު ބޯޑަރުގައި އދގެ ސުލްހަ ބަލަހައްޓާ ސިފައިން ތިބި ސަރަހައްދުގައި ވެސް އިޒުރޭލުން ވަނީ އަސްކަރިއްޔާ ވަރުގަދަކޮށްފަ އެވެ.
އދއަށް ޚާއްސަކޮށްފައި އޮތް ސަރަހައްދަކަށް އިޒުރޭލު ސިފައިން ވަނުމާ ގުޅިގެން ކުރި ޝަކުވާތަކަށް ޔަހޫދީން ބުނީ އެއީ އދއަށް އެހީވުމަށް ހަރަކާތްތެރިވާ ސިފައިން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލާއި ސީރިއާގެ ބޯޑާރުގައި ހަދާފައި އޮތް ބަފާ ޒޯން -- އިޒުރޭލާއި ސީރިއާއިން ފޯރިމަރާ ސަރަހައްދު، އިޒުރޭލު ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށް ނަތަންޔާހޫ ވަނީ އަސްކަރިއްޔާއަށް އަމުރުކުރައްވާފަ އެވެ.
ނަތަންޔާހޫއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން ސީރިއާ އާއެކު ހަދާފައި ހުރި އެއްބަސްވުންތައްވެސް ބާތިލުވާނެ އެވެ. މިހެންކަމުން އިޒުރޭލާ ގުޅިފައި އޮތް ސީރިއާގެ ބައެއް ސަރަހައްދުތައް، ޔަހޫދީންގެ ބާރުގެ ދަށަށް ގެންދެވިދާނެ އެވެ.