ހަބަރު

ޑިމޮކްރަސީގައި އޮތީ ހަމައެކަނި މުޒާހަރާއެއް ނޫން: ރައީސް

ޒަމާނީ ޑިމޮކްރަސީއެއްގައި ސަރުކާރު ޒިންމާދާރުކުރަން އޮންނަ އިދިކޮޅު ފަރާތުން ރައްޔިތުންނަށް ހަނދާންކޮށްދޭންޖެހެނީ ހަމައެކަނި މުޒާހަރާ ކުރަން ނޫން ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންގެ ލާބަހުރި ކަންކަން ހަނދާންކޮށްދޭ ބަޔަކަށް އެމީހުން ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މ. މުލަކުގެ ނަރުދަމާގެ މަސައްކަތް ފައްޓަވައި ސާފު ބޯފެނުގެ ނިޒާމް އިފްތިތާހުކޮށް ދެއްވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޑިމޮކްރަސީގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރާ ކަން ކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ ޒަމާނީ ޑިމޮކްރަސީއަކަށް ފަރިތަވާން މަސައްކަތް ކުރާއިރު، ޑިމޮކްރަސީގެ ތެރެއިން އަންނަ އަސާސުތަކާއި އުސޫލުތަކުގައި ހިފަން ވެސް ދަސްކުރަންޖެހޭ ކަމަށެވެ.

ޒަމާނީ ޑިމޮކްރަސީއެއް ބިނާ ކުރާއިރު ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ހޯދައި ދިނުމަކީ އެ ދައުލަތެއް ހިންގަން އެވަގުތަކު ހަވާލުވެފަ އޮތް ސަރުކާރެއްގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއްކަން ހަނދާންކޮށްދިނުމުގެ ބަދަލުގައި ވަކި ފަރުދަކު ކުރާ ކަމެއްގެ ވާހަކަ ނަގައި ކިޔަންވީ ސަބަބު ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މުޒާހަރާތަކުގައި މީހުން ކުރާ ކަމުނުދާ ކަންކަމުގެ ވާހަކަ މި ދައްކަނީ. އަޅުގަނޑު ހިތަށް އަބަދު އަރާ މުޒާހަރާއެއްގައި ވަކި ރަށެއްގެ ނަރުދަމާއެއް ނެތިގެންނެއް އެކަން ހަނދާންކޮށްދީފައެއް ނެތޭ. ރާއްޖޭގެ ކަނު އަނދިރީގައި ކިޔަވާކުދިން ކިޔަވަމުން ދިޔައިރު މިކަންކަން މި މުޒާހަރާތަކުން ހަނދާންކޮށެއް ނުދޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރު އެންމެ ފުރަތަމަ ވުޖޫދަށް އައިސް މަސައްކަތް ކުރަން ފެށީ 18 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަން ފުރިހަމަކޮށް ދިނުމަށްފަހު މިހާރު އަމާޒު ހިފާފައިވަނީ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް އަޑު އުފުލަންޖެހެނީ ރައްޔިތުންނާ ގުޅުންހުރި އެފަދަ ކަންތައްތަކުގައި ކަމަށާއި، އެފަދަ ކަންކަމަށް ގޮވާލާ އަޑު ނީވުމަކީ އެ ފަރާތްތަކުން މިނިވަން ޒަމާނީ ޑިމޮކްރަސީ ގަބޫލުކުރާ މިންވަރާ މެދު ޝައްކު އުފެދޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ހައްގުތަކަށް މަސައްކަތް ނުކޮށް، މައްސަލައަކަށް މިވަނީ ސުޕްރީމް ކޯޓުގަ ތިބޭ ފަނޑިޔާރުންގެ ޝަރުތު، މައްސަލައަކީ އެހެން ކޮންމެ ވެސް ތަނެއްގަ ހިނގާކޮންމެވެސް ކަމެއް. ފަހަރެއްގައި ވެސް ވިސްނުމަކަށް ނާދޭ ރައްޔިތުންނަށް ނުލިބިވާ ހައްގުތައް، ހިދުމަތްތައް ނުލިބި ތިބީ ކީއްވެގެން ކަމެއް. މި ކަންކަން ތަރުތީބު ކުރަންޖެހޭ ގޮތެއްވެސް ވިންނަނީއެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީއެއްގެ ތެރޭން އެއިރެއްގައި އޮންނަ ސަރުކާރާ ދެމެދު އުފެދޭ ހިޔާލު ތަފާތުވުންތަކާ އެކުވެސް އިހުތިރާމާއެކު ކަންކަން ކުރުމުގެ އުސޫލު ދިވެހިން ދަސް ކުރަންޖެހޭ ކަމަށެވެ. ހިޔާލު ފާޅުކުރުމާއި މިނިވަން ހިޔާލުގެ މީހުން ގިނަ އެމެރިކާގައި ވެސް އަމަލު ކުރަމުން ދަނީ އެގޮތަށް ކަމަށާއި އެފަދަ ގައުމުތަކުން ދައްކާ ނަމޫނާއިން އިބުރަތް ހޯދައި ކަންކަން ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.

"އެމެރިކާ ފަދަ ގައުމުތަކަށް ބައްލަވާ. އެ ގައުމުގައި ސަރުކާރާ ދެކޮޅަށް ހިޔާލުތަފާތުވުން ނެތީއެއް ނޫން. އެހެން ނަމަވެސް އެ ގައުމުތަކުގައި ކަންކަމަށް ގޮވާލައި ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާ މީހުން އެކަންކަން ކުރަނީ އިހުތިރާމާއެކު، ޒަމާނީ ޑިމޮކްރަސީގައި އޮންނަ އުސޫލުތަކުގެ ތެރޭން. އަޑު އުފުލަންވާނެ. ވޯޓާ ހަމައަށް ދެވެންވާނެ. ހިޔާލު ތަފާތުވާން ވާނެ. އެކަމަކު އެކަންކަން ނިންމަންވާނީ މަގުމަތީގެ ގުޅަކުޅޭ ފަސްގަނޑަކު ނޫން. އެކަން ނިންމާނީ އެ ރައްޔިތަކު ބޭނުން ގޮތަކަށް އޭނައަށް ވޯޓުލާން ޖާގަ ދީގެން، ޑިމޮކްރަސީގަ އޮންނަ ގޮތަކީ އެމީހަކު ބޭނުން ގޮތަކަށް ވޯޓު ލެވެންޖެހޭނ،" ރައީސް ވިދާޅުވި އެވެ.