ހަބަރު

ގައިދީންނާ ބައްދަލު ކުރާއިރު ތަކެތި ގެންދިއުން މަނާކޮށްފި

އާއިލީ ބައްދަލުވުންތަކުގައި ގައިދީންނަށް އެއްވެސް ބާވަތެއްގެ އެއްޗެއް ގެންދިއުމާއި ދިނުން މަނާކޮށްފި އެވެ. ކަރެކްޝަނަލް ސާވިސް އިން އެކަން އެގޮތަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ގައިދީންނާ ބައްދަލު ކުރަން ދާ ފަރާތްތަކަށް ލުއި ކާނާ ފަދަ ތަކެތި މީގެ ކުރިން ގެންދަ އެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް މިހާރު ޖަލަށް ވެއްދުމަކީ މަނާ ކަމެކެވެ.

ކަރެކްޝަންސް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު ވިދާޅުވީ، ލުއިކާނާއާ އެނޫންވެސް އެއްވެސް ބާވަތެއްގެ އެއްޗެއް ޖަލުތަކުގައި ތިބޭ ގައިދީންނާ ބައްދަލުކުރަން ދާއިރު ގެންދިއުމަކީ މިހާރު މަނާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ނިންމާފައިވަނީ މި ފަހަކަށް އައިސް އާއިލާތަކުން ގައިދީންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި އެފަދަ ތަކެތި މެދުވެރިކޮށް މަނާތަކެތި ގައިދީންނާ ހަމައަށް ގެންދަން މަސައްކަތް ކުރާ ކަމަށް ޝައްކު ކުރެވޭތީ އާއި މަނާ ތަކެތި ޖަލައް ވައްދަނިކޮށްވެސް ފެނިފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މި ނިންމުމާއެކު ގައިދީންނަށް ބޭރުން ތަކެތި ހޯދުމަށް ލިބޭ ފުރުސަތު މުޅިން ކުޑަވެގެންދާނެ ކަމަށެވެ.

ކަރެކްޝަނަލް ސާވިސް އިން މިގޮތަށް ނިންމާފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ވެސް ގައިދީއަކާ ބައްދަލުކުރަން ދިޔަ އާއިލާގެ މެންބަރަކުވަނީ ކާތަކެތީގެ ތެރޭގައި ފޯނެއް ފޮރުވައިގެން ޖަލައް ވައްދަން މަސައްކަތް ކޮށްފަ އެވެ. އަދި ވަރަށް ފަހުން ވެސް ވަނީ ގައިދީއެއްގެ އާއިލީ މީހަކު ވަނީ ގެންދިއަ ކޭކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅެނިކޮށް ވެސް އަތުލައިގެންފަ އެވެ.