ވިޔަފާރި

ތެލުގެ ސްޓޯރޭޖް ބޮޑު ކުރުމުގެ މަޝްރޫއު ފުރަތަމަ ކުއާޓާގައި ނިންމަނީ

Jan 28, 2017
2

އެސްޓީއޯއިން ކުރިއަށް ގެންދާ ތެލުގެ ސްޓޯރޭޖް ދެގުނައަށް ބޮޑު ކުރުމުގެ މަޝްރޫއު މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ފުރިހަމަކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކޮށްފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ތެލުގެ ސްޓޯރޭޖް ބޮޑު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ފުނަދޫގައި ހުންނަ ތެޔޮ ރައްކާ ކުރާ ފެސިލިޓީ ބޮޑު ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާ ކަމަށެވެ. ޝަހީރު ވިދާޅުވި، ގޮތުގައި ފުނަދޫގައި އަލަށް ބޮޑު ކުރި ސްޓޯރޭޖް އަންނަ މަހު ބޭނުން ކުރަން ފަށާނެ އެވެ. އެސްޓީއޯ އިން ފުނަދޫގެ ސްޓޯރޭޖް ބޮޑު ކުރުމުން ތެޔޮ ރައްކާ ކުރެވޭ އަދަދު 48،000 ޓަނަށް ބޮޑުވާނެ އެވެ.

ފުނަދޫގެ މިހާރުގެ ސްޓޯރޭޖްގައި ރައްކާކުރެވެނީ ގާތްގަނޑަކަށް 40،000 ޓަނުގެ ތެލެވެ. ފުނަދޫގެ ތެލުގެ ސްޓޯރޭޖް އަޕްގްރޭޑްނުކޮށް ގިނަ ދުވަސްވެފައި ވާތީ އެ މަޝްރޫއުގެ ދަށުން ތެޔޮ ލޯޑްކުރުމާއި އަންލޯޑްކުރުމަށް ބޭނުން ކުރާ ފެސިލިޓީތަކާއި އެ ރަށުގެ ހާބަރު އިތުރަށް ބޮޑު ކުރުމުގެ މަޝްރޫއުތަކެއް ވެސް ހިންގުމަށް އެސްޓީއޯއިން ވަނީ ރާވައިފަ އެވެ.

ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު ހަރަދުވާ، އެ މަޝްރޫއުގެ ދަށުން އެސްޓީއޯއިން ނިންމާފައި ވަނީ، 25،000-30،000 ޓަނުގެ ތެޔޮ އުފުލޭ ވަރު ތެޔޮ ޓޭންކަރެއް ވެސް ގަތުމަށެވެ. އެމްޑީ ޝަހީރު ވިދާޅުވީ، ތެޔޮ ޓޭންކަރު ގަތުމަށް ޓަކައި ބައެއް ބޯޓުތައް މިހާރު ވެސް ބަލައި އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އެ ޓޭންކަރު ގަނެގެން ރާއްޖެ ގެނެވޭ ވަރު ވާނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއިން ތެޔޮ އުފުލުމުގައި މިހާރު ގެންގުޅެނީ ޗާޓަރުކޮށްގެން ބޯޓެއް ކުއްޔަށް ހިފައިގެންކަން ފާހަގަ ކުރައްވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯއިން އަމިއްލަ ބޯޓެއް ގެނައުމުން އެކަމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.

ތެލުގެ ސްޓޯރޭޖް ބޮޑުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އުތުރާއި ދެކުނުގައި ތެޔޮ ރައްކާ ކުރާ ކުދި ސްޓޯރޭޖްތަކެއް ހެދުމަށް އެސްޓީއޯއިން ރާވައިފައިވެ އެވެ. އެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ތެލުގެ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2015 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ.