ވިޔަފާރި

ރާއްޖެ ފަދައިން ޗައިނާ ޓޫރިސްޓުން ޕަލާއުއަށް ވެސް ހިތް ކިޔައިފި

Mar 19, 2015

ލޯންޗުގައި ތިބި އެންމެން ބޭނުންވަނީ މޫދަށް ފުންމާލާށެވެ. ފަތައި ގަންނާށެވެ. މި "އެކްސައިޓްމަންޓް" ގައި ބައެއް މީހުން ހަޅޭ ލަވަމުން ދިޔަ އެވެ. މިއީ ޕަލާއު އަށް މިދިޔަ މަހު ދަތުރުކުރި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑޫޗަންގް ގެ އިހުސާސް ތަކެވެ. ޗައިނާ މީހުންނަށް މިހާރު މި ވަނީ ޗުއްޓީ ހޭދަކުރަން މުޅިން އާ މަންޒިލެއް ފެނިފަ އެވެ. އެއީ ޕެސިފިކް ކަނޑުގައި އޮންނަ އެކަހެރި ކުޑަ ގައުމެއް ކަމަށްވާ ޕަލާއު އެވެ. ރާއްޖެ ފަދައިން ޕަލާއު އަށް ވެސް ޗައިނާ ޓޫރިސްޓުންގެ "ހިތް ކިޔައިފި" އެވެ.

"މި ތަނުގެ މޫދުން ފެންނަ މުރަކަތައް ވެސް ވަރަށް ރީތި، މިއީ ވަރަށް ހިތް ގައިމު މަންޒިލެއް،" ޗައިނާގެ ޗެންގްޑޫ ޕްރޮވިންސަށް ނިސްބައްވާ ވިޔަފާރިވެރިއެއް ކަމަށްވާ ޑޫޗަންގް ފޯނުގައި ހުރި ފޮޓޯތައް ދައްކާލަމުން ބުންޏެވެ.

އާބާދީގައި ވިއްސަކަށް ހާސް މީހުން ކިރިޔާ ހަމަވާ ޕަލާއު އަށް މިދިޔަ އަހަރު 141000 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ 2013 ވަނަ އަހަރާ އަޅާ ބަލާއިރު 34 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ގިނައިން ޒިޔާރަތް ކުރީ ޗައިނާ މީހުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުގެ ޓޫރިޒަމް 500 ޕަސެންޓުގެ ކުރިއެރުމެއް ލިބުއިރު، މިދިޔަ މަހު އެކަނި ވެސް އެ ގައުމަށް 10،500 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ ޕަލާއުގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.

ޕަލާއު އަށް ދާ ޗައިނާ ޓޫރިސްޓުން ބުނާ ގޮތުގައި އެ ގައުމަކީ ވެސް ހިތްގައިމު ރީތި މަންޒިލެވެ. އެ ގައުމުން ވެސް ޗައިނާގެ ޓޫރިސްޓުން ހިތް އުފާވާ ޒާތުގެ ގިނަ ސިފަތަކެއް އެބަ ހުއްޓެވެ. އެގޮތުން ހެލިކޮޕްޓަރު ދުއްވާލަން ދިއުމާއި މޫދު ކުޅިވަރުތައް ޕަލާއު އިން ވަނީ ފުޅާކޮށްފަ އެވެ. ފަރުބަދަތަކުން އުފެދިފައިވީނަމަވެސް ދޮންވެލީގެ ގޮނޑުދޮށްތައްވެސް ގިނަ އެވެ.

އެ ގައުމަށް ޒިޔާރަތްކުރާ އަތްމަތި ތަނަވަސް ޗައިނާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ޕެކޭޖުތަކެއް ވެސް މިހާރު ވިއްކަ އެވެ. މި ޕެކޭޖު ނަގައިގެން ޕަލާއުގެ 70 ރަށުގެ މަތިން ހެލިކޮޕްޓަރު ބުރެއް ވެސް ޖަހައި ލެވިދާނެ އެވެ.

"މި ތަނަކީ ވެސް ސުވަރުގެ އެއް ފަދަ ރީތި ތަނެއް. ޝަންހާއީގެ މާހައުލު ދޫކޮށް މި ތަނަށް އައުމުން ކުރެވެނީ ތަފާތު އިހުސާސެއް،" ޖަކާޓާ ގްލޯބް ނިއުސްއާ ވާހަކަ ދެއްކި 30 އަހަރުގެ އަންހެނެއް ކަމަށްވާ ޖައި ކިޒިން ބުންޏެވެ.

ޕަލާއު އަށް ޓޫރިސްޓުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ މެގަމޯލްޑިވްސްއިން ދަނީ ޗައިނާގެ ބައެއް މަންޒިލްތަކުން އެ ގައުމަށް ދަތުރު ކުރަމުންނެވެ.