ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީ ބޮއިކޮޓްކޮށްފި

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން މާދަމާ ދާރުބާރުގޭގައި ބާއްވާ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ބައިވެރިނުވާ ގޮތަށް ނިންމާއި އެ ޖަލްސާ ބޮއިކޮޓްކޮށްފި އެވެ. އެ ޕާޓީއިން މިދިޔަ އަހަރު ވެސް ވަނީ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.

"އަވަސް" އާ ވާހަކަ ދެއްކެވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން މިއަދު ވިދާޅުވީ ސިޔާސީ މަސްރަހުގެ ކަންކަން އޮތް ގޮތުން މި އަހަރުވެސް ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް އެމްޑީޕީގެ ޕީޖީ މެންބަރުން ހާޒިރު ނުވާން ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ހުރި ގޮތުންނާއި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން އަޅުގަނޑުމެން ނުރުހޭ އެތަށް ކަމެއް ހިނގާ އިރު ރައީސް އިއްވަވާ ރިޔާސީ ބަޔާން އަޑުއަހަން އަޅުގަނޑުމެން ދިޔުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. އެހެންވެ މީގެ ކުރިން ވެސް ޖަލްސާ ބޮއިކޮޓް ކުރި ގޮތަށް މިފަހަރު ވެސް އެމްޑީޕީގެ މެންބަރުންނެއް ހާޒިރެއް ނުވާނެ،" އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގަންނަވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވި އެވެ.

މެންބަރުން ވިދާޅުވީ މި އަހަރުގެ މަޖިލީހަށް އެމްޑީޕީ ފަރާތުން ހުށަހަޅައިގެން އިސްލާހު ކުރަން ބައެއް ގާނޫނުތައް ހުރި ކަމަށާއި ނަމަވެސް އެ ބިލްތަކަކީ މަޖިލީހަށް ބަލައިގަންނާނެ ބިލްތަކެއް ނޫން ކަމަށެވެ. އެހެންކަމުން މަޖިލީސް ފެށުމުން މަޝްވަރާތަކަށް ފަހު މަސައްކަތްތައް ކުރާނެ އިތުރު ގޮތްތަކެއް އެމްޑީޕީން ރާވާނެ ކަމަށެވެ.