ރައްޔިތުންގެ މަޖިލިސް

ކައުންސިލަރުންގެ ޝަރުތުތައް އިސްލާހުކުރާ ބިލުގެ ބަހުސް ފަށައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަރުތުތައް ލުއި ކުރުމާބެހޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ބިލަށް މިއަދު ބަހުސް ފަށައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް މި އިސްލާހު ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ހުށަހެޅުއްވުމުން މި އިސްލާހުގެ ބަހުސް މަރުހަލާ ފެށުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ނުފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ އެއް މެންބަރަކު އިންނެވި އެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން އަލީ މުހައްމަދު ވިދާޅުވީ އެ ބިލަށް އިސްލާހެއް ހުށަހެޅުމުގެ ބޭނުމަކީ ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ލުއި ކޮށްދިނުމަށް ކަމަށާއި އަދި އިންތިހާބުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން އެ އިސްލާހު ގެނައުމާއެކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 15، 28 އަދި 44 ވަނަ މާއްދާ އުނިވާނެ އެވެ. އެގޮތުން ކައުންސިލަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ފުލްޓައިމް ދަރިވަރަކަށް ނުވުމުގެ ޝަރުތާއި އި އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކަށް ވާދަ ނުކުރެވޭނެ ކަމަށް ބުނާ އަކުރު އުވާލަން ވަނީ ހުށަހަޅާފަ އެވެ. އޭގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ނުވަތަ ހިޔާނާތުގެ ކުށެއް އަދި ރިޝްވަތާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް ވާދަ ނުކުރެވޭނެ ކަމަށް ބުނެފައިވާ މާއްދާ ވެސް އުވާލަން ވަނީ ހުށަހަޅާފަ އެވެ.

ބަހުސް މަރުހަލާ ތިން ގަޑިއިރުގެ ވަގުތަށް މިއަދު ކުރިޔަށް ދާނެ އެވެ. އަދި އެއަށް ފަހު ބިލު ބަލައިގަތުމާ މެދު ވޯޓެއް ނަގައި ގޮތެއް ނިންމަވާނެ އެވެ.