ހަބަރު

ކޮރަޕްޝަން ހިންގުމުގައި ގިނަ ސިވިލްސާވެންޓުން ބައިވެރިވޭ: ސާވޭ

Mar 19, 2015
6

ކޮރަޕްޝަންގެ އެކި މުއާމަލާތްތަކުގައި ގިނަ ސިވިލްސާވެންޓުން ބައިވެރިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ސާވޭ އަކުން ދައްކައިފި އެވެ.

އެ ކޮމިޝަނުން މިދިޔަ އަހަރު ކުރި، ސިވިލް ސާވިސް މުވައްޒަފުން ކޮރަޕްޝަނާ މެދު ދެކޭ ގޮތުގެ ސާވޭގެ ނަތީޖާ އިން ދައްކާ ގޮތުގައި ސާވޭގައި ބައިވެރިވި، 42 ޕަސެންޓް މީހުން ގަބޫލު ކުރަނީ މަސައްކަތުގައި މާހައުލުގައި ހިނގާ ކޮރަޕްޝަންތައް ރިޕޯޓް ކުރެވޭނެ ނިޒާމެއް ނެތް ކަމަށެވެ. އަދި ގިނަ މުވައްޒަފުން ތިބެނީ ކޮރަޕްޝަންގެ އަމަލެއް ހިނގާކަން އެނގޭ އިރުވެސް އެކަން ރިޕޯޓް ކުރަން ޖެހިލުންވެފައި ކަމަށް ވެސް އެ ސާވޭ އިން ދައްކަ އެވެ.

ސާވޭގައި ބައިވެރިވި 86 ޕަސެންޓް މީހުންނަށް ކޮރަޕްޝަނަކީ ކޮބައިކަން އެނގުނު ނަމަވެސް ދައުލަތުގެ ނިޒާމްތަކުގެ ތެރެއިން ކަންކަން ގެންދެވެނީ ދެފުށްފެންނަ އަދި ޖަވާބުދާރީ ކުރެވޭނެ ގޮތަކަކަށްކަމަށް އެ މީހުން ނުދެކެ އެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ސިވިލްސާވެންޓުންގެ ތެރެއިން ގިނަ ބަޔަކު ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވާ ކަމަށް ދިރާސާގެ ގިނަ ބައިވެރިން ވަނީ ބުނެފަ އެވެ.

ސާވޭގެ ބައިވެރިން ދެކޭ ގޮތުގައި ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނައިން ހިންގަނީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސިޔާސީ ފަރާތްތަކެވެ.

ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ދެނެގަތުމަށް، ގައުމީ ފެންވަރުގެ ސާވޭއެއް އަދި މިހާތަނަށް ކުރެވިފައެއް ނުވެ އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުގައި، އެ ކޮމިޝަނަށް އެފަދަ ކަންކަން ކުރެވިފައި ނުވަނީ ލިބޭ ބަޖެޓް ކުޑަވުމުގެ ސަބަބުން ގިނަ ކަންތައްތަކެއް ރޭވި ނަމަވެސް އެ ކަންކަން ނުކުރެވުމެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ހުރަސްތަކުގެ ގޮތުގައި އޭސީސީން އިން ގަބޫލު ކުރަނީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގާނޫނީ ނިޒާމެއް ނެތުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ބިލް ފާސްނުވުމާއި ހެކިބަސްދޭ މީހުންނަށް ހިމާޔަތްދޭނެ ގާނޫނަކާއި ޖިނާއީ އިޖުރާއަތުގެ ބިލް ގާނޫނަކަށް ނުވެ ލަސްވުމާއި ޕަބްލިކް ކުންފުނިތައް ހަރުދަނާކޮށް ހިންގުމުގައި އަމަލުކުރާނެ ގާނޫނެއް އަދި ގަވާއިދެއް ނެތުން އަދި ޕްރޮކިއުމަންޓާބެހޭ ވަކި ޤާނޫނެއް ނެތުމެވެ.