ވިޔަފާރި

ބީއެމްއެލް އިން ދޫކުރި ކާޑްގެ އަދަދު 280،000 އަށް އަރައިފި

Feb 8, 2017
1

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ދޫކުރި، 280،000 މިއަދު ކަސްޓަމަރާ ހަވާލުކޮށްފި އެވެ.

ކަސްޓަމަރަށް ކާޑު ދިނުމަށް ބީއެމްއެލްގައި މިއަދު ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ބީއެމްއެލްގެ 280،000 ވަނަ ކާޑް ހަދާފައި ވަނީ ސިމް ޖާބިރު އެވެ. އޭނާއަށް ކާޑު ހަވާލުކޮށްދެއްވީ ބޭންކުގެ ހެޑް އޮފް ކާޑު ސާވިސަސް އަބްދުލް އަލީމް އަބްދުލް އަފޫރު އެވެ. ސިމް ޖާބިރުގެ ކާޑު ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު އޭނާ އަށް މިއަދު ވަނީ ވިސާ ޕްލެޓިނަމް ކާޑެއް ދީފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ދޫކުރާ ކާޑުތަކުގެ ތެރޭގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑާއި، ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ހިމެނެއެވެ. އަދި މީގެ އިތުރުން މާސްޓަ ކާޑުގެ ގިފްޓް ކާޑާއި ޕްރިޕެއިޑް ކާޑު ވެސް ބޭންކުން ދަނީ ދޫކުރަމުންނެވެ.

ބީއެމްއެލުން ބުނީ، އެބެންކުގެ ކާޑު ބޭނުންކޮށްގެން ތަފާތު ޒަމާނީ ހިދުމަތްތައް މިހާރު ފޯރުކޮށްދެމުންދާ އިރު، އޭގެ ތެރޭގައި ބޭންކުން ދޫކުރާ ކްރެޑިޓް ކާޑާއި ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި މުއާމަލާތް ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވާކްގެ މެދުވެރިކޮށް މި ކާޑުތަކުން ވިޔަފާރިކުރެވޭ ކަމަށް ވެސް ބޭންކުން ބުންޏެވެ. ބޭންކުން މަސައްކަތްކުރަނީ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ބޭންކުން ބުންޏެވެ.

"މީގެ އިތުރުން ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގާއިމުކޮށްފައިވާ ބީއެމްއެލް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ،" ބީއެމްއެލް އިން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ވިހި އަތޮޅުގައި ބީއެމްއެލްގެ 31 ބްރާންޗް އަދި 78 އޭޓީއެމް ވަނީ ގާއިމްކޮށްފަ އެވެ. އަދި 4000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އޭޖެންޓުންގެ އިތުރަށް ވިހި ސެލްފްސާވިސް ބޭންކިން ސެންޓާއި ބޭންކް ހިދުމަތްދޭ ފަސް ދޯނި ވަނީ ތައާރަފްކޮށްފަ އެވެ. އަދި ބޭންކުން މިއަހަރު ކުރާ އިންވެސްޓްމަންޓް ދެ ގުނަ އިތުރު ކުރަން ވަނީ ނިންމައިފަ އެވެ.