ދުނިޔެ

ރަފާހްއިން މީހުން ބޭލުމުގައި އެއްވެސް އެހީއެއް ނޯންނާނެ: އދ

ރަފާހްގައި އިޒްރޭލުން ހިންގަން ރާވާފައި އޮތް އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ކުރިމަތިވެދާނެ ހިތާމަވެރި ހާލަތްތަކާ މެދު ކިތަންމެ ފަހަރަކު އިންޒާރު ދެވިއްޖެ ކަމަށް އދ އިން ބުނެފި އެވެ.

އދގެ ތަރުޖަމާން ސްޓެފާން ދުޖާރިކް ވިދާޅުވީ އިޒުރޭލުގެ އުދުވާންގެ ސަބަބުން ހެޔޮ ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ

"އަޅުގަނޑުމެންގެ ބުނުން ތަކުރާރުކޮށްފިން،" ދުޖާރިކް ވިދާޅުވި އެވެ.

"ރަފާހްއަށް ވަގެގެންފިނަމަ އެހީދޭ ޖަމާއަތްތަކަށް އޮބިއޮންނަވަރު ނުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެފާން ވިދާޅުވީ ރަފާހް މިހާރުވެސް އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށެވެ. އެފަދަ ހާލަތެއްގައި އޮތް ތަނެއްގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން ހަދައިފިނަމަ ދެން ވާނެ ގޮތް އަންދާޒާ ނުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ. އެެހެންވެ ރަފާހްއިން މީހުން ބޭރުކުރަން އދ އިން އެއްވެސް އެހީތެރިކަމެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ސްޓެފާން ވިދާޅުވި ގޮތުގައި ޣައްޒާއަށް ތެޔޮ އެތެރެކުރަން އޮތް މަގަކީ ވެސް އެއީ އެވެ. ތެލަށް ބުރޫއަރައިފިނަމަ އދ އިން ހިންގާ އިންސާނީ މަސައްކަތްތައް ހުއްޓިދާނެ ކަމުގެ ބިރު އޮތް ކަަމަށް ވެސް ވިދާޅުވި އެވެ.

ރަފަހްގައި ތިބި މީހުން ދާން އޮތް ތަނެއްގެ ގޮތުގައި އިޒުރޭލުން ދައްކަނީ އަލްމަވާސީ އެވެ. އެތަން މިހާރުވެސް އޮތީ ތޮއްޖެހި ހިރިނުލެވޭ ވަރު ވެފައި ކަމަށް ސްޓެފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލްމަވާސީގައި އިތުރު ބޯހިޔާވަހިކަމެއް ގާއިމުކުރެވެން ނެތް ކަމަށެވެ. އެކަށީގެން ނުވާ ކުޑަ ޖާގައަކަށް މީހުންތައް ޖަމާކުރުމުން ނިކުންނާނެ އިޖުތިމާއީ މައްސަލަތައް އދ އަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ހުސްކުރަން ބުނާ ސަރަހައްދުގައި މިހާރު ވެސް 100،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

އެހާ ގިނަ ބަޔަކު އެ މީހުން ބޭނުންކުރާ މަދު ސާމާނާ އެކު އެހެން ތަނަކަށް ދިޔަ ނަމަވެސް މަސްލަހަތު ދެމެހެއްޓުން އެއްވެސް ބަޔަކަށް ފަސޭހަނުވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ސްޓެފާން ވިދާޅުވި ގޮތުގައި ރަފާހްގައި މިހާރު ވެސް 1.5 މިލިއަން މީހުން ތިބި ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. މި މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުން އދ އަށް އަދި ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކަށް އޮތީ ނުކުޅެދިފަ އެވެ.

ޣައްޒާގެ ހާލަތު މިގޮތުގައި އޮއްވައި އިޒުރޭލު ސިފައިން އެ ތަނަން ވަދެގަތުމުން ވާނެ ގޮތެއް އދ އަށް ނޭނގޭ ކަމަށްވެސް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.