ޣައްޒާއިން އާދަޔާ ހިލާފު ބޮޑެތި ކަށްވަޅުތަކެއް ފެންނަ ކަމަށް ބުނާ ވާހަކަތަކަކީ ވަރަށް ހިތްދަތި -- އަޑުއަހަން ފަސޭހަ ނޫން ވާހަކަތަކެއް ކަމަށް އދ އިން ބުނެފި އެވެ.
ކަށްވަޅުތައް ފެންނަ ހުރިހާ ސަރަހައްދެއް އިތުބާރު ހުރި ބަޔަކު ލައްވައި މިނިވަން ތަހުގީގެއް ކުރުމަށް ވެސް އދ އިން ވަނީ ގޮވާލާފަ އެވެ.
ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުން ފެނުނު ބޮޑު ކަށްވަޅެއްގައި 283 މީހަކު ވަޅުލާފައި ތިބި ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވުމާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ އެކަން ކުރި ބަޔަކު ހޯދަން މަސައްކަތް ފަށާފަ އެވެ.
އަދި ޣައްޒާގެ އެކި ސަރަހައްދުތަކުން ފެންނަމުންދާ ގަބުރުތަކުގެ ހަގީގަތް ހޯދައި، ޝައްކުކުރެވޭ ސަރަހައްދުތައް ކޮނުމަށް ވެސް ވަނީ ނިންމާފަ އެވެ.
އދ ގެ ތަރުޖަމާން ސްޓެފަން ޑުޖައްރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އިތުބާރުކުރެވޭ ތެދުވެރި އަދި އެއްވެސް ބަޔަކަށް ބުރަނުވާ ބަޔަކު ލައްވައި ޣައްޒާގެ ގަބުރުތަކުގެ ހަގީގަތް ހޯދަން ޖެހެ އެވެ. އަދި މިކަމަށް އދ އިން އިސް ނަންގަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާއަށް އެއްގަމު މަގުން އިޒުރޭލު ސިފައިން އަރައިގަނެ ހިންގަމުން ގެންދާ އުދުވާންތަކުގެ ހަގީގަތް ރަނގަޅަށް ބެލުމަށްޓަކައި، ހަަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އެނޫން ގޮތެއްގައި އދ އަދި ބައިނަލައަގްވާމީ ތަހުގީގު ޓީމުތަކަށް ރައްކާތެރިކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔަހޫދީން ވަދެގަނެ ޖަރީމާ ހިންގި ކަމަށް ތުހުމަތުކުރެވޭ ހުރިހާ ހޮސްޕިޓަލެއް -- ހުރިހާ ސަރަހައްދެއް ވަރަށް ރަނގަޅަށް ބެލުމަކީ އުންމީދެއް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ޣާއްޒާއަށް ޔަހޫދީން އަރައިގަނެ ޖަރީމާތައް ހިންގުމަށް ފަހު މިހާރު ވަނީ ބައެއް ތަންތަނުން ފައިބާފަ އެވެ.
ޒަޔަނިސްޓުން ބާރުގަދަކޮށްގެން ތިބި ބައެއް ތަންތަނުން ބޮޑެތި ކަށްވަޅުތައް ފެންނަމުން ދާތީ، މިއީ އިޒުރޭލު ސިފައިން ގަތުލުއާންމު ހިންގި ކަމަށް ނިންމިދާނެ ހެކިތަކެއް ކަމަށް އދ ގެ ތަރުޖަމާން ވެސް ވިދާޅުވި އެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 34،151 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. މިއީ އާންމުގެ ލޯމައްޗަށް ފެންނަން އޮތް އަދަދެވެ.
ގޮތް ނޭނގޭ ގޮތުގައި މަރައި ވަޅުޅާފައި ވަނީ ކިތައް މީހުންކަން އެއްވެސް ބަޔަކަށް ނޭނގެ އެވެ. މިހާރު މި ފެންނަ ކަށްވަޅުތަކުން ޒަޔަނިސްޓުންގެ އަނިޔާވެރިކަން އިތުރަށް ބޭޒާރުވާނެ ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނެ އެވެ.