ދުނިޔެ

އިޒުރޭލުގެ ހަމަލާތަކާ ގުޅިގެން 450،000 މީހުން ރަފާ ދޫކޮށްފި: އދ

އިޒުރޭލުގެ އަސްކަރިއްޔާއިން ރަފާހްއަށް މިހާރު ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން 450،000 މީހުން އެ އަވަށް ދޫކޮށް ހިނގައްޖެ ކަމަށް ފަލަސްތީންގެ ރެފިއުޖީންނަށް އެހީދޭ އދގެ ޖަމިއްޔާ (އަންރާ) އިން ބުނެފި އެވެ.

މިއީ އިޒުރޭލުގެ ބިރުދެއްކުމާ ގުޅިގެން -- ޖާނަށް ބިރުން ރަފާހްއިން ފޭބި މީހުން ކަމަށް ވެސް އަންރާއިން ބުންޏެވެ.

ރަފާހްއިން ފައިބައިގެން ދާނެ ތަނެއް ޣައްޒާގައި ނެތް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. ނަމަވެސް، ރަފާހް ނޫން ސަރަހައްދަކަށް ދިއުމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ދެމުންދާ އިންޒާރާ ގުޅިގެން އެ ސަރަހައްދު ދޫކޮށް މީހުން ދަނީ ކަމަށް ވެސް އަންރާއިން ބުންޏެވެ.

ފާއިތުވި އަހަރު އޮކްޓޯބަރު ހަތެއްގައި އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދޭންފެށި ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ދިޔަ މީހުންނާ އެކު ރަފާހްގައި 1.5 މިލިއަނަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށް އދއިން އަންދާޒާކުރެ އެވެ.

އެހާ ގިނަ ބަޔަކު ތިބި ތަނަކަށް އަސްކަރީ ބާރަކުން ވަދެގަނެ މީހުންތައް ފައްސާލުމުން ދާނެ ވަކި ތަނެއް ނެތް ކަމަށް ވެސް އދ އިން ވަނީ ބުނެފަ އެެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގަތުމުން ދިމާވެދާނެ ހިތާމަވެރި ހާދިސާތަކުން އދ އާއި އިންސާނީ އެހީދޭ ޖަމާއަތްތަކުން ވަނީ އިންޒާރުދީފަ އެވެ.

ދުނިޔެ ދިން އެއްވެސް އިންޒާރަކަށް ބެލުމެއް ނެތި ޔަހޫދީން މިހާރު ދަނީ ރަފާހްއަށް ބޮންއަޅައި ގެދޮރު ލޫޓޫވަމުންނެވެ.

އިޒުރޭލުގެ ހަމަލާތަކުގައި މިހާތަށް 35،180 މީހަކު މަރުވެފައިވާ ކަމަށް އދ އިން ބުނެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު އަދި އަދަދުކުރާކަށް ނޭނގެ އެވެ. މަރުވި މީހުންގެ އިތުރުން 79،000 އަށް ވުރެ ގިނަ މީހުންނަށް ބޮޑިތި އަނިޔާތައް ވަނީ ލިބިފަ އެވެ.

އޭގެ ތެރޭގައި އަތްފައި ބުރިކުރަން ޖެހިފައި ތިބި މީހުންނާއި މުހިންމު ގުނަވަންތައް ގެއްލިފައި ތިބި މީހުން ވެސް ހިމެނެ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވަން ގަތަރާއި މިސްރުން ކުރި ހުރިހާ ކަމެއް ވަނީ ފޭލިވެފަ އެވެ. ޒަޔަނިސްޓު ޔަހޫދީން ތިބީ އެއްވެސް ބަޔަކު ހުށަހަޅާ އެއްވެސް އެއްބަސްވުމެއް ބަލައިގަންނަ ގޮތަކަށް ނޫނެވެ.

އިޒުރޭލުން ބޭނުން ވަނީ ހަމާސް ޖަމާއަތް މުޅިން ނައްތާލައި ޣާއްޒާގައި ވެރިކަންކުރުމެވެ. ޣާއްޒާައިން ހަމާސް ނައްތާލުމަކީ އިޒުރޭލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.