ދެކުނު ޣައްޒާގެ ރަފާހް ސިޓީން މީހުން ހުސްކުރަން އިޒުރޭލުން ކުރާ ކޮންމެ އަމުރެއް ވާނީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމުރަކަށް ކަމަށް އދގެ ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ރަފާހްއަށް ފުޅާކޮށް އެ ސިޓީގައި ތޮއްޖެހިފައި ތިބި އާންމު ރައްޔިތުން ވަޒަނުން ބޭރުކުރުމާ އދ ދެކޮޅު ކަމަށް ވެސް ތަރުޖިބާކާރުން ވިދާޅުވި އެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ސަފީރު ޕޯލާ ގަވީރިއާ ޕެޓަންކަރު ވިދާޅުވި ގޮތުން ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދާ އުދުވާންތަކަށް ފަސް މަސް ދުވަސް ވެފައިވާއިރު، އެ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގައި އިޒުރޭލު ވަނީ ފޭލިވެފަ އެވެ.
ރަފާހް އިން މީހުން ހުސްކުރަން އަމުރުކުރުމަކީ އިންސާނީ ހައްގުތައް ކަށަވަރުކުރުން ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ. ވަޒަން ދޫކޮށް އަދި ގެދޮރު ދޫކޮށް ދާން މަޖުބޫރުކުރުމަކީ ހައްގުތަށް ހިމާޔަތްކުރުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އދގެ އިތުރު މަންދޫބަކު ވިދާޅުވީ މަޖުބޫރީ ހާލަތްތައް ކުރިމަތިކުރުވުމަކީ އިޒުރޭލުން ހިންގާ އުދުވާންގެ ނުރައްކާތެރިކަން އިންތިހާއަށް ގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. މުޅި ޣައްޒާ ސުންނާފަތި ކުރުމަށްފަހު ރަފާހްއާ ދިމާކުރުމަކީ ކިތަންމެ މޮޅު ބަސްމޮށުންތެރިއަކަށް އަދި ލިޔުންތެރިއަކަށް ވެސް ބަޔާންކުރެވޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގެންފިނަމަ އެ މީހުން ދެން ނިކުމެގެން ދާނެ އޮތީ ކޮން ތަނެއްތޯ އޭނާ ސުވާލުވެސް ކުރެއްވި އެވެ.
އދގެ މަންދޫބު ވިދާޅުވި ޣައްޒާގައި މީހެއްގެ ބޯ ހިޔާކޮށްލެވޭ ވަރުގެ ހިޔާވައްސެއް ވެސް ނެތްއިރު، އިޒުރޭލުގެ ހަމަލާތަކުން ރައްކާތެރިވުމަށް ރަފާހް އަށް ގޮސް ތިބި އާންމުން ހިމާޔަތްކުރުމަކީ އިޒުރޭލަށް ވާޖިބެއް ކަމަށެވެ.
އެ މީހުންނަށް އެ ހާލަތު ޖެއްސީ އިޒުރޭލު ކަމަށް މަންދޫބު ވިދާޅުވި އެވެ. ހަނގުރާމައިގެ ހާލަތްތަކުގައިވެސް -- ހަނގުރަމައާ ގުޅުމެއް ނެތް ބަޔަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާނީ ގާނޫނުތަކުން މަނާކޮށްފައި އޮންނަ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާއަށް އިންސާނީ އެހީ ވެއްދެން ހުރި ދޮރުތަކަށް ބޮންއަޅައި ބަންދުކޮށް އަދި ނުވީތާކަށް އިޒުރޭލުގެ އާންމުންގެ ފަރާތުން ޣައްޒާގެ އާންމުންނަށް ކުރިމަތިވާ ޖެއްސުންކުރުމާއި އަނިޔާއަށް ކެތްކުރާނީ ކިހިނެއްތޯވެސް މަންދޫބު ސުވާލުކުރެއްވި އެވެ.