އިޒުރޭލު ސިފައިން ރަފާހްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކިތަންމެ ވަރުގަދަ އަމެއް ނެރުނު ނަމަވެސް، ޒަޔަނިސްޓުން އެ ތިބީ ހަމަލާތައް ހުއްޓާލާ ގޮތަށް ނޫން ކަމަށް އދއިން ފަލަސްތީނަށް ކަނޑަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ފްރާންސެސްކާ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.
އދގެ މަންދޫބު ވިދާޅުވި ގޮތުގައި މެމްބަރު ގައުމުތަކުން އިޒުރޭލަށް ދަތިކޮށް މަޖުބޫރުކުރުމަށް ދާންދެން ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ހުއްޓާނުލާނެ އެވެ.
ފްރާންސެސްކާ އަދި ވިދާޅުވީ އިޒުރޭލަށް ވާގިވެރިވާ ބަޔަކު ތިއްބައި، އެ މީހުންގެ އަނިޔާވެރިކަން ނިމުމަކަށް ނާންނާނެ އެވެ. ފަލަސްތީން އާމެދު އިންސާފުވެރި ބުނުމަކުން ބަސްބުނެގެން ނޫން ގޮތަކަށް މެދުއިރުމައްޗަށް ހަމަޖެހުން ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ހިމެނޭ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރަކު ވަނީ އިޒުރޭލާ ދެކޮޅަށް ބަސްވިދާޅުވެފަ އެވެ. އައިސީޖޭއިން ނެރުނު އަމުރުގައި ހަމަލާތައް މިހާރުން މިހާރާށް ހުއްޓާލަން އިޒުރޭލަށް އޮތީ އަމުރުކޮށްފަ އެވެ.
އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާގެ އުމްރަނީ ތަރައްގީ ސުންނާފަތިކޮށްފައި ވާތީ އައިސީޖޭއިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ރަފާހް އަރައިގަނެ ހަމަލާތައް ފުޅާކުރަމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި އޮތް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޣައްޒާގެ ހާލަތު ރަނގަޅުކުރަން އިޒުރޭލުން އެއްވެސް ކަމެއް ނުކުރާ ކަމަށް ކޯޓުގެ އަމުރުގައި ވެއެވެ.
އދގެ މެމްބަރު ގައުމުތަކުން އިޒުރޭލާ ދެކޮޅަށް ކަމެއް ކުރަން ވެއްޖެ ކަމަށް އަލްބަނީޒް ވިދާޅުވި އެވެ. ނުފޫޒު ގަދަ ގައުމުތަކުގެ ސަބަބުން އިޒުރޭލަށް ހިތްވަރުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒުރޭލު ދެމެހެއްޓުމަށް ބާރުގަަދަ ގައުމުތަކުން މަސައްކަތްކުރާ ކަމަށް އަލްބަނީޒް ވިދާޅުވި އެވެ. އިޒުރޭލު ނައްތާލުމަކީ އައިސީޖޭގެ މަޝްވަރާގައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިސީޖޭއަށް ބޮޑު ކަމަކަށް ވެގެން އުޅެނީ އިޒުރޭލުން ރަފާހް ސުންނާފަތިކުރުން ކަމަށް ވެސް މަންދޫބު ވިދާޅުވި އެވެ.
އައިސީޖޭ އަމުރު ތަންފީޒުކުރުމަށް އިޒުރޭލަށް ބާރުއެޅުމަކީ އދގެ މެމްބަރު ގައުމުތަކަށް ކުރެވިދާނެ ކަމެއް ކަމަށް ވެސް އަލްބަނީޒް ވިދާޅުވި އެވެ. މެމްބަރު ގައުމުތަކުން ބަސްބުނަން ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.