ހަބަރު

ނަޝީދު ހުންނެވީ ފުރިހަމަ ރައްކާތެރި ކަމުގައި، ގެއްލުމެއް ވިޔަކަ ނުދޭނަން: ފުލުހުން

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ފުރިހަމަ ރައްކާތެރި ކަމުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައީސް ނަޝީދު މަރާލަން ރާވަމުން އަންނަ ކަމަށް ބުނެ އެމްޑީޕީ އިން ފެތުރި ވާހަކަތަކާ ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަންސްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީގެ ކަންކަން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ލިބުނަ ނުދޭނެ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

"ނަޝީދުގެ ސެކިއުރިޓީގެ ކަންކަމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް. އަޅުގަނޑުމެން އެ ކަންކަމަށް އިންކާރު ކުރަން. އެމަނިކުފާނަށް އެފަދަ ތްރެޓެއް ނެތް،" ހަމްދޫން ވިދާޅުވި އެވެ.

ހަގީގަތެއް ނެތް އެފަދަ ވާހަކަތައް ނުދެއްކުމަށް ފުލުހުން އިލްތިމާސް ވެސް ކުރި އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް އެއްވެސް ބޭ އިހުތިރާމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި އެ މަނިކުފާނު މާފުށީ ޖަލުގައި ހުންނެވުމަށް ހަދަނީ އެއް ކޮޓަރީގެ އޭސީ އެޕާޓްމަންޓެކެވެ.