ހަބަރު

ހެއްކާ ބެހޭ ބިލަށް އޯކޭ، ކަންބޮޑުވަނީ ޝަރީއަތްތަކާ މެދު

  • ޝަރީއަތްތައް ހިނގާކޮށް ރަނގަޅު ކުރަން ގޮވާލި
  • ޒަމާނީ ކުއްތަކަށް ފެތޭނެ ހެއްކާ ބެހޭ ބިލަކަށް އެއްބަސް
  • ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާއަށް ބޮޑުކުރަން ގޮވާލި

ރައްޔިތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަކީ އޮންނަން ޖެހޭ ބިލެއް ކަމަށް ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން އެއްބަސްވި ނަމަވެސް، އެފަދަ ބިލެއް އައި ނަމަވެސް ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރާ ގޮތް ބަދަލުވެދާނެ ކަމާ މެދު އިދިކޮޅު މެންބަރު ބޮޑެތި ސުވާލުތަކެއް ފެންމަތި ކުރައްވައިފި އެވެ.

ސަރުކާރު ފަރާތުން ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ހުށަހެޅި މި ބިލަކީ ހެކިބަސް ނެގުމާއި ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ހެކި ވަޒަން ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ. މިހާރު އަމަލު ކުރަމުން އަންނަނީ މީގެ 40 އަހަރު ކުރިން ހަދާފައިވާ ގާނޫނަކަށެވެ.

އެގޮތުން ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާ މުހައްމަދު ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލު ހުށަހެޅިފައި ވަނީ އިސްލާމީ ޝަރިއްޔަތުގެ އުސޫލުތައް ދަމަހައްޓާ ދުނިޔޭގެ ތަހުޒީބު މުޖުތަމައުގައި އަމަލު ކުރާ އުސޫލުތައް ވެސް ހިފަހައްޓާދޭ ގޮތަަަށް ކަމަށެވެ. އެހެންކަމުން ހެއްކާ ބެހޭ ބިލަށް ވެސް އަމަލު ކުރަން ފެށުމާއެކު އެއްވެސް މާއްދާއެއް އުނިނުކޮށް ހިނގަން ފަށައިފި ނަމަ އޭގެއިން ޖިނާއީ އަދުލުގެ ނިޒާމުން ބޮޑެތި ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"1976 ވަނަ ހެއްކާ ބެހޭ ގާނޫނުގެ ގޮތުގައި އޮތީ އެއް ސަފުހާއާއި އެއް ޕެރެގްރާފުގެ ގާނޫނެއް ކަމަށާއި އަދި އޭގެ 40 އަހަރުގެ ފަހުން މިއަދު 80 ސަފުހާގެ ގާނޫނެއް އަންނަ އިރު ރާއްޖެއަށް މުޅިންއާ ކަންތައްތަކާއި އިސްލާމް ދީނުގެ އުސޫތަކުގެ ތެރެއިން ހެއްކާ ގުޅުންހުރި ޗާރުއީ އުސޫލުތކަަށް ހަރުދަނާ ކަން ގެނައުން ވެސް ހިމެނޭ،" ނަޝީދު ވިދާޅުވި އެވެ. "ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް ތިން ބިލެއް އޮންނަން ޖެހޭ ކަމަށާއި އެއީ ޕީނަލް ކޯޑްއާ ބެހޭ ބިލާއި ޖިނާއީ އިޖުރާތުގެ ބިލު ދެން އޮންނާނީ ހެއްކާ ބެހޭ ބިލު. އެ ތިން ގާނޫނު އޭގެ ރަނގަޅު ގޮތުގައި މަސައްކަތް ކުރާނަމަ ޖިނާއީ އަދުލުގެ ނިޒާމަށް ރަނގަޅު އިންގިލާބީ ބަދަލެއް އަންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލު ގާނޫނަކަށް ވެގެން އަންނަ އިރު އަދުލްއިންސާފުގެ ނިޒާމަށް އަންނަ ބޮޑު ބަދަލަށް އަމަލު ކުރުމަށް ތިން މަސް ދުވަހުގެ ވަގުތެއް އެކަށީގެން ނުވާ ކަމަށެވެ. އަދި ނިޒާމީ ބަދަލުތައް އައުމުން މީހުން ތަމްރީނުކޮށް ވަސީލަތްތައް ހޯދާ އެ ނިޒާމަށް ހިޖުރަ ކުރަން ޖެހޭ ކަމަށާއި އެކަމަށް އެކަށީގެންވާ މުއްދަތެއްވެސް ގާނޫނުގެ ތެރެއިން ކަނޑައަޅަން ޖެހޭ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވިދާޅުވީ ކޯޓުތަކުގައި ހިނގާ ހިނގާ ބޮޑެތި މައްސަލަތަކަށް އާންމުންގެ ފާޑު ކިޔުންތައް އަމާޒުވަނީ ހެއްކާ ބެހޭ ރަނގަޅު ގާނޫނެއް ނެތުމުން ކަމަށާއި އެހެންކަމުން ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ގޮތާއި ހެއްކާ ބެހޭ ހުރިހާ ކަމެއް ލިޔެވިގެން އަންނަ ބިލެއް ގާނޫނަކަށްވުމަކީ އެ ހުރިހާ ފާޑުކިޔުންތައް ހުއްޓުމަކަށް އަންނާނެ ކަމެއް ކަމަށެވެ. ނަމަވެސް އެ ބިލުގައި އިސްލާހު ކުރަން ހުރި ބައެއް ކުދި ކުދި ކަންކަން ޖައުފަރު ފާހަގަ ކުރެއްވި އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބިލުގައި ސައިންޓިފިކް ހޯދުންތަކާއި އެހެނިހެން ޒަމާނީ ގޮތްގޮތުން އެނގޭ ކަންކަން ހެކި ގޮތުގައި ހުށަހެޅޭނެ ކަމަށް އޮތުމަކީ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ހެކި ދޭ މީހުން ހެކި ދިނުމަށް ފަސް ޖެހި ބިރުގަތުމަކީ އަދުލު އިންސާފު ގާއިމް ކުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށާއި އެހެންކަމުން ހެއްކާއި ހެކި ދޭ މީހުން ރައްކާކޮށް ހިމާޔަތް ކުރެވޭނެ ގޮތް ވެސް ގާނޫނުގެ ތެރެއިން އަންނަ ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހެއްކާ ބެހޭ ގާނޫނެއްގެ މައިގަނޑު އަމާޒަކަށް ވާންވާނީ ކުށްކުރާ މީހުން ކުށްސާބިތުވާނެ ހަރުދަނާ އުސޫލުތަކެއް ކުށުން ބަރިއްޔަ ނުވެވޭނެ ގޮތެއްގެ މަތިން ކަނޑައެޅިފައި އޮތުން އަދި ކުށް ނުކުރާ މީހުންނަށް ދޮގު ހެކި ދީގެން ކުށްވެރިންނަށް ހެދޭނެ ފުރުސަތު ގާނޫނުގެ ތެރެއިން ބަންދު ކުރުން. އަޅުގަނޑުމެން މިއަދު ހެއްކާ ބެހޭ ގާނޫން އެކުލަވާލައްވާނީ މި ދެކަމަށް ހާއްސަ ސަމާލު ކަމެއް ދީގެން،" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރާއްޖޭގެ އަދުލް އިންސާފުގެ ގާއިމް ކުރުމަށް ހެއްކާ ބެހޭ ބިލެއް އައުން މުހިންމު ކަމަށެވެ. ނަމަވެސް ހަމަޖެހޭ އިންސާނެއްގެ އާންމު ވިސްނުމުން ގަބޫލު ކުރެވޭ ކަންކަން ހެކީގެ ގޮތުގައި ނޫނީ އެހެން ގޮތްގޮތަށް ވެސް ފަނޑިޔާގެއިން ބަލައި ނުގަންނަ ކަމަށާއި އެކަން ނުކުރާހާ ހިނދަކު އިންސާފުވެރި ޝަރިއްޔަތެއް ގެންނަ ބިލެއް ގާނޫނަކަށްވުމުގެ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް އިންމްތިޔާޒު ވިދާޅުވި އެވެ.

"މިފަދަ ހެކީގެ ބިލެއް ވަރަށް މުހިންމު. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ ކަމަކީ އިންސާފުވެރި ޝަރިއްޔަތެއް ކުރުމުގެ މިންގަނޑަކީ މިހާރު ފަނޑިޔާރުން ވަކީލުން ހިތުދަސްވާނެ އެއްޗެއް. ނަމަވެސް އެ އަސާސް ގަބޫލު ނުކުރާނަމަ ރަނގަޅު ހެކި ފަނޑިޔާރު ކުރިމައްޗައް އަޔަސް ބަލައިވެސް ނުގަނެވޭނެ. އެ އިންސާފު ގާއިމް ކުރަން ބޭނުން ނުވާނަމަ ބިލުގެ ބޭނުމެއް ވެސް ނޯންނާނެ،" އިމްތިޔާޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ ފަރާތުން ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ފާހަގަ ކުރެއްވި ގޮތުގައި ހެއްކާ ބެހޭ ބިލެއް ގާނޫނަކަށް ވެގެން އައުމަކީ މުހިންމު ކަމެކެވެ. އަދި މި ބިލުގެ ސަބަބުން ފަނޑިޔާރުން އަމިއްލަ ގޮތްގޮތަށް ކަންކަން ނިންމުމަށް އޮތް ފުރުސަތު ހަނިވެގެން ދާނެ ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށާއި އެހެންކަމުން އެ ބިލު ބަލައިގަތުމަށް ތާއީދު ކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް ރިޔާޒް ވެސް ވަނީ ހެއްކާ ބެހޭ ބިލު ގާނޫނަކަށް ވުމަށް ފަހު އެ ގާނޫނަށް އަމަލު ކުރައްވާނެތޯ ސުވާލު އުފައްދާފައެވެ.

"މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ އަދުލުވެރިކަމާއެކު ޝަރިއްޔަތްތައް ހިންގުން. އަޅުގަނޑުގެ ސުވާލަކީ އަދުލުވެރިކަމާއެކު ޝަރިއްޔަތް ހިންގޭނީ ގާނޫނެއް އައިސްގެންތޯ. ފަނޑިޔާރު ގޭގައި ތިއްބެވި ބޭބޭފުޅުންގެ ތައުލީމީ ސަނަދުތަކަށް ބެލިނަމަވެސް އެ ބޭފުޅުންނަކީ އެންމެ ގާބިލް ބޭފުޅުން. ނަމަވެސް އެ މަގާމްތަކުގައި އެ ފަރާތްތައް ތިއްބަވައިގެން ވެސް އަދުލުވެރިކަމާ އެކު ޝަރިއްޔަތް ނުކުރެވޭ ކަމަކީ ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

ހެއްކާ ބެހޭ ބިލުގެ ބަހުސް މަރުހަލާ މިހާރު ވަނީ ނިމިފައެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަންނާނެ ކަމާމެދު ގޮތެއް ނިންމެވުމަށް މިއަދު 1:30 ގައި ވޯޓު ނެގުން އޮންނާނެ އެވެ.