ބާޒާރުގައި އެ އުފެއްދުމަކަށް ލިބޭ އަގު ގެ ތިން ޕަސެންޓް އުފެއްދި ފަރާތްތަކަށް ދޭ ފެއާ ޓްރޭޑް ސެޓްފިކެޓް ހޮރައިޒަން ފިޝަރީޒްގެ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ދަޅުގައި ބަންދުކުރާ މަހަށް ލިބިއްޖެ އެވެ.
މިއީ މަސްވެރިކަމުގެ އުފެއްދުންތަކަށް ދޭ މެރިން ސްޓީވާޑްޝިޕް ކައުންސިލް ސެޓްފިކެޓް (އެމްއެސްސީ) އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ދުނިޔޭގައި މަސްވެރިކަމުގެ އުފެއްދުމަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
މާންދޫ މަހަށް ފެއާޓްރޭޑް ސެޓްފިކެޓް ލިބުމުން އެކަން ފާހަގަ ކުރަން ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ހޮރައިޒަން ފިޝަރީޒްގެ މެނޭޖިން ޑައިރެކްޓަރު އަދުނާން އަލީ ވިދާޅުވީ މާންދޫ އިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިންނަށް އެންމެ ބޮޑު ފައިދާ ހޯދައި ދިނުމަށް ކަމަށާއި ފެއާޓްރޭޑް ސެޓްފިކެޓް ހޯދީ އެހެންވެ ކަމަށެވެ.
"ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުމުގެ ފައިދާއަކީ މި ލޯގޯގައި އަޅުގަނޑުމެން މަސް އެކްސްޕޯޓް ކުރީމުން މަސްވެރިން އަތުން އަޅުގަނޑުމެން ގަންނަ މަހަށް އަޅުގަނޑުމެން މިދޭ އަގުގެ އިތުރު ތިން ޕަސެންޓް ސީދާ އެމީހުންގެ އެކައުންޓްތަކަށް، ގަންނަ ފަރާތުން ފޮނުވައިދޭނެ،" އަދުނާން ވިދާޅުވިއެވެ.
އަދުނާން ވިދާޅުވީ ފެއާ ޓްރޭޑް ސެޓްފިކެޓް ސްކީމްގައި އަދި ބައިވެރިކޮށްފައި ވަނީ ލ. އަތޮޅުގެ ތިން ރަށެއް ކަމަށެވެ. އެއީ ލ. ގަމާއި ކުނަހަންދު އާއި ހިތަދޫ އެވެ. އޭނާ ވިދާޅުވީ އިތުުރު ރަށްތައް ސްކީމަށް ވެއްދުމަށް މިހާރުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ލ. އަތޮޅުގެ ރަށްތަކުގެ މަސްވެރިން ، އެ ސްކީމްގައި ބައިވެރިކުރުމަށް ފަހު ދެން މަސައްކަތް ކުރާނީ ގއ. އަދި ގދ. ގެ މަސްވެރިން އެ ސްކީމަށް ވެއްދުމަށް ކަމަށެވެ.
"އިދާރީ ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭތީވެ، ތަންކޮޅެއް ލަސްކޮށް މިދެވެނީ،" އޭނާ ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ މިއަދު ވިދާޅުވީ ރާއްޖޭގައި މަސް ގަންނަ އެހެން ކުންފުނި ތަކުން ވެސް ފެއާ ޓްރޭޑް ސެޓްފިކެޓް ހާސިލުކޮށް، މަސްވެރިން އެ ޕްރޮގްރާމްގައި ބައިވެރި ކުރުމަށް މަސްވެރިން ނުކުމު ކުންފުނި ތަކުގައި އެދެން އިލްތިމާސް ކުރައްވާ ކަމަށެވެ.
ފެއާ ޓްރޭޑް ސެޓްފިކެޓަކީ އުފެއްދުމެއް ވިއްކައިގެން ލިބޭ ފައިދާ ލިބުމުގައި އުފައްދާ މީހުންނާއި ބާޒާރުގައި އެ އުފެއްދުން ވިއްކާ ކުންފުނިތަކުގެ މެދުގައި އޮންނަ ތަފާތު ކުޑަ ކުރުމަށް އަމާޒުކޮށްގެން ދޭ ސެޓްފިކެޓެކެވެ. އެ ސެޓްފިކެޓް ދެނީ ފެއާ ޓްރޭޑް އޯގަނަިއޒޭޝަނުން ގަބޫލު ކުރާ މިންގަނޑަކަށް މަސައްކަތްތެރިންގެ ހައްގުތަށް ލިބިދޭ، މަސައްކަތުގެ މާހައުލު ވެސް އެ އޯގައިޒޭޝަނުން ގަބޫލުކުރާ ފެންވަރަކަށް ހުންނަ ކުންފުނި ތަކަށެވެ.