ހަބަރު

އާ ރަންވޭ: ބޮޑު މަސައްކަތެއްގެ ފެށުން މާދަމާ

Feb 26, 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ރަންވޭ އެޅުމުގެ އަމަލީ މަސައްކަތަކީ އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބިޔަ މަޝްރޫއެކެވެ. މާދަމާ އަކީ އެ މަސައްކަތް ރަސްމީކޮށް ފަށައިގަންނަ ދުވަހެވެ. އާ ރަންވޭ އެޅުމަށް ހިއްކަން ޖެހޭ ބިން މިހާރު ވަނީ ހިއްކައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެސް ނިމިފަ އެވެ.

ވީއައިއޭގެ އާ ރަންވޭގެ މަސައްކަތް މާދަމާ ފަށާއިރު އެ މަސައްކަތް ކުރާނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އިންނެވެ. އެއީ 400 މިލިއަން ޑޮލަރު ހޭދަވާނެ ރަންވޭއެކެވެ. އޭޣޭ ތެރެއިން 373 މިލިއަން ޑޮލަރު ދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ.

އެމްއޭސީއެލްގެ އިން ބުނި ގޮތުގައި މާދަމާ ރަންވޭގެ މަސައްކަތް ފެށުމާއެކު މެދުކެނޑުމެއް ނެތި އެ މަސައްކަތް ގެންގޮސް އަންނަ އަހަރުގެ ތެރޭގައި އާ ރަންވޭގެ މަސައްކަތް ނިންމާލާނެ އެވެ.

އާ ރަންވޭގެ އަމަލީ މަސައްކަތް ހިނގައިގަންނައިރު ޕެސެންޖަރު ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ސައޫދީ ބިންލާދިން ގްރޫޕަށް 300 މިލިއަން ޑޮލަރަށެވެ. އަދި މުޅި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ ވެސް އަންނަ އަހަރު އެވެ.

އާ ޓާމިނަލްއަކީ ހަމައެކަނި އިމާރާތެއްނޫނެވެ. އެންމެ ޒަމާނީ އިކްއިޕްމަންޓާއި މެޝިނަރީއާއި ވަސީލަތްތައް ހިމެނެ އެވެ. އެއިރޯ ބްރިޖާއި ބެގޭޖު ހޭންޑްލިން ސިސްޓަމާއި ސޮފްޓްވެއާތަކާ މިހެން ގޮސް އެ ހުރިހާ އެއްޗިހި އިންޓަގްރޭޓް ވެގެން ދާނެ އެވެ.

  • ދިގު މިނުގައި 3400 މީޓަރު
  • ފުޅާ މިނުގައި 65 މީޓަރު
  • މަޝްރޫއުގެ އަގު 400 މިލިއަން ޑޮލަރު

ޕެސެންޖަރު ޓާމިނަލްގެ އެޅުމަށް ބޭނުންވާ ބިމުގެ ބޮޑު ބައެއް ހުސްކޮށް، އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވެސް ވަނީ ފަށާފަ އެވެ. ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ.

އާ ޕެސެންޖަރު ޓާމިނަލް އެޅުމަށް ނިންމާފައިވާ ސަރަހައްދުގައި ހުރި އެމްއޭސީއެލްގެ އޮފީސްތަކާއި މެޝިނަރީތައް އަދި އެތަނުގައި އަޅާފައިވާ ފެނާއި ނަރުދަމާ އެހެން ދިމާލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ސަރަހައްދުގައި ހުރި ގިނަ އޮފީސްތައް މިހާރު ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.

އާ ޓާމިނަލް އަޅާ ސަރަހައްދުގައި އެއާޕޯޓް ވޯޓާ ސަޕްލައި ބިލްޑިންގެ ބަދަލުގައި އާ ވޯޓާ ސްޕްލައި ބިލްޑިންއެއް އެހެން ސަރަހައްދެއްގައި އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ ބިލްޑިންގެ މަސައްކަތް އަންނަ މާޗް މަހަށް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. އެއާލައިން ކޮންޕްލެކްސް ހުރީ އާ ޓާމިނަލް އަޅާ ސަރަހައްދުގައި ކަމަށްވުމުން އެ ބިލްޑިން ތަޅާލަން ޖެހޭތީ، އެކަމަށް ބޭނުންވާ އާ ބިލްޑިންއެއް އެހެން ސަރަހައްދެއްގައި އެޅުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މިއަދު އެމްއޭސީއެލްއިން ބުންޏެވެ.