ހަބަރު

އެންސިސްއަށް އެންމެ ގިނައިން މަސް ކިރުވި ދޯނިތަކަށް ފައިސާގެ ހަދިޔާދީފި

މަސްވެރިކަމުގެ އުފެއްދުންތައް ރާއްޖެ އާއި ބައިނަލް އަގުވާމީ ބާޒާރަށް ވިއްކާ އެންސިސް ފިޝަރީޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް މިދިޔަ އަހަރު އެންމެ ގިނައިން ބޮޑު ކަންނެލި ކިރި ތިން ދޯންޏަށް އެ ކުންފުނިން ހަދިޔާ ދީފި އެވެ.

އެންސިންސްގެ "މަސްވެރިންގެ ހަދިޔާ" ދިނީ އެ ހަދިޔާ ދިނުމަށާއި އެންސިސްއަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގަ އެވެ.

އެންސިސްއަށް މިދިޔަ އަހަރު އެންމެ ގިނައިން ބޮޑު ކަންނެލި ކިރި ދޯނި ފަހަރުގެ ތެރެއިން އެއްވަނައަށް ހޮވުނީ އދ. މަހިބަދޫ "ހެދޭ ކުރި 1" ދޯންޏެވެ. އެންމެ ގިނައިން އޭ ގްރޭޑްގެ ކަންނެލި ކިރި ދޯންޏަކަށް ވެސް ހޮވުނީ އެ ދޯންޏެވެ. ދެވަނަ ލިބުނީ ޅ. ނައިފަރު "ޒިކުރާ" އެވެ. ތިން ވަނަ ލިބުނީ ދ. މީދޫ "ހާސް ރޯދި" ދޯންޏަށެވެ.

އެއްވަނައަށް ހޮވުނު ދޯންޏަށް އެންސިސް އިން ދިނީ ހަނދާނީ ފިލަޔަކާއި 20000 ރުފިޔާ އެވެ. ދެވަނަ އަށް ހަނދާނީ ފިލައާއެކު 10000 ރުފިޔާ އަދި ތިން ވަނަ އަށް ހަނދާނީ ފިލަޔަކާއި 7500 ރުފިޔާ އެވެ.

އެއްވަނައަށް ހޮވުނު ދޯންޏަށް ހަނދާނީ ފިލައާއ ފައިސާގެ އިނާމުގެ ޗެކް ހަވާލުކޮށްދެއްވީ ފިޝަމެންސް އެސޯސިއޭޝަންގެ ރައީސް މައިޒާން އަހުމަދު މަނިކެވެ.


ހެނދުނު ބޭއްވި އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެންސިސްގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ވަސީމު ވިދާޅުވީ މަހަށް ރަނގަޅު އަގެއް ހޯދުމަށް ޓަކައި މަސްވެރިން މަހަށް ނުކުންނަ ދުވަސްތައް މިހާރަށް ވުރެ އިތުރުކޮށް، ސަޕްލައިގެ ޔަގީންކަން ހޯދަން ޖެހޭ ކަމަށެވެ.

"އަބަދު އެއްވަރަކަށް މަސް ނުލިބޭތީ އެވަރަކަށް ނޯވޭ މާކެޓް ހޯދާކަށް ފުރުސަތެއް ވެސް. އަޅުގަނޑުމެންނަށް އަބަދު އެއްވަރަކަށް މަސް ލިބޭނެ ކަމުގެ ޔަގީންކަން އޮންނަ ނަމަ އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން މަހުގެ އަގު 100 ރުފިޔާއަށް ވުރެ ކުޑަ އެއް ނުކުރާނަން. އެކަމަކު އެހެންނެއް ނޫން މިވަނީކީ. އެއް ދުވަހު 10 ޓަނު ލިބިފައި އަނެއް ދުވަހު އެއްޗެއް ނުލިބި ގޮސްދާނެ. މީގެ ހައްލަކީ މަސްވެރިން ވީހާވެސް ބޮޑަކަށް މިކަން ދަނެގެން މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިން އެންމެ ހިތްހަމަ ޖެހޭ އަގު ދެވިފައި ނުވިޔަސް އެންސިސް އިން މިދިޔަ 15 އަހަރު މަސައްކަތް ކޮށްފައި ވާނީ މަސްވެރިންނާ ވީހާވެސް ގާތުން ވީހާވެސް ރަނގަޅު އަގެއް ހޯދައިދޭން ކަމަށެވެ.