ހަބަރު

ސްކޫލްތަކުގެ ގުރުއާން މުބާރާތް ފަށައިފި

ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ގުރުއާން ކިޔެވުމުގެ މުބާރާތް މިރޭ ފަށައިފި އެވެ. މި މުބާރާތް ކުރިޔަށް ދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

300 އަށް ވުރެ ގިނަ ދަރިވަރުން މާލެއިންނާއި އަތޮޅުތެރެއިން ބައިވެރިވާ މި މުބާރާތުގެ ކިޔެވުން ކުރިޔަށްދަނީ ތިން ބަޔަކަށެވެ. އެއީ، ފޮތުން ކިޔެވުމާއި، ހިތުން ކިޔެވުން، އަދި ޙާފިޒުން، މި ތިން ބައެވެ. ފޮތުން ކިޔެވުމުގެ ބައިގައި ފަސް ފޮތުންނާއި، 10 ފޮތުންނާއި، އަދި 15 ފޮތުން ކުދިން ކިޔަވާނެ އެވެ. އަދި ހިތުން ކިޔެވުމުގެ ބައިގައި، ދެ ފޮތުންނާއި، ހަތަރު ފޮތުން، އަދި ހަ ފޮތުން ކުދިން ކިޔަވާނެ އެވެ.

މި މުބާރާތަކީ، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން، އަދި ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނާމެދު ލޯބި ޖެއްސުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެކެވެ. އަދި، މި މުބާރާތުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ދަރިވަރުންގެ ތެރެއިން ކީރިތި ޤުރުއާން ރީތިކޮށް ކިޔަވާ ޤާރީންނާއި ޙާފިޒުން ތަކެއް އުފައްދާ، ބައިނަލް އަގްވާމީ މުބާރާތް ތަކުގައި ވާދަކުރާނެ ބައިވެރިންތަކެއް އުފެއްދުމެވެ.

މި މުބާރާތުގައި ކޮންމެ ބަޔަކުން ވެސް އެއްވަނައަށް ދާ ދަރިވަރަކަށް ރައީސް ދެއްވާ ހާއްސަ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، ކޮންމެ ބަޔަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި އަތޮޅުތެރޭގެ ހުރިހާ ސުކޫލަކުންނާއި، މާލޭގެ 18 ސްކޫލަކުން ބައިވެރި ވެއެވެ. މި މުބާރާތަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ހިންގާ މުބާރާތެކެވެ. މިއީ ހަމައެކަނި ސްކޫލަތަކަށް އަމާޒުކޮށްގެން ޤުރުއާނާ ބެހޭ މަރުކަޒުން ބާއްވާ ފުރަތަމަ ޤުރުއާން މުބާރާތް ވެސް މެއެވެ.