ހަބަރު

ޒުވާނުންތަކެއް އިސްނަގައިގެން "ކުރާ ހިތުން ކުރާނަން" ގެ ނަމުގައި ވީޑިއޯތަކެއް އާންމުކޮށް ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ. މި ކެމްޕޭނަކީ "ބިލީވް ޔޫ ކޭން" ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ބިލީވް ޔޫ ކޭންއިން ބުނި ގޮތުގައި މިއީ ޒުވާނުންނަށް އެމީހުންގެ ލަނޑުދަނޑިތައް ހާސިލްކުރަން ހިތްވަރުދިނުމުގެ ހަރަކާތެކެވެ.

ކެމްޕޭނު ކުރިއަށް ދަނީ ތިން ފިޔަވެއްސަކަށް ބަހާލައިގެންނެވެ. އެއީ، އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުވުމާއި ލިބިފައިވާ ތަޖުރިބާ ހިއްސާ ކުރުމެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ވޯކްޝޮޕްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް ބޭއްވުމެވެ. މި ކެމްޕޭން މިވަގުތު އަމާޒުކޮށްގެން ކުރިޔަށްގެން ދަނީ، މާލެއާ، ހުޅުމާލެ އަދި ވިލިނގިލީގަ އެވެ. ޖަމިއްޔާއިން ބުނާ ގޮތުގައި، ކުރިޔަށް އޮތް ތަނުގައި، އަތޮޅުތަކުގައި ވެސް މި ކެމްޕޭން ކުރިޔަށް ގެންދާނެ އެވެ.

ބިލީވް ޔޫ ކޭންއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކެމްޕޭނުގެ ފުރަތަމަ ފިޔަވަހީގައި ކުރަމުންދާ މަސައްކަތަކީ، ޒުވާނުން އެމީހުންގެ ކިބައިގައި ހުންނަ ހުނަރުތައް ދައްކާދޭ ކުރު ވީޑިއޯއެއް ތައްޔާރު ކުރުމެވެ. މި ޖަމިއްޔާއިން ގަބޫލު ކުރާ ގޮތުގައި، މި ވީޑިއޯތަކުގެ ސަބަބުން ޒުވާނުންނަށް އެމީހުން ކުރަން ބޭނުންވާ ކަންކަން ކުރަން ހިތްވަރު ލިބިގެންދާނެ އެވެ. މިހާތަނަށް ވެސް މި ކެމްޕޭނުގައި 100 ޒުވާނުން ބައިވެރިވެފައި ވެއެވެ.

މި ޖަމިއްޔާއިން ދަނީ 24 ފެބްރުއަރީ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު އާ ވީޑިއޯ އެއް އެޖަމިއްޔާގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރަމުންނެވެ.