ހަބަރު

"ސާފު ފެނާއި ރައްކާތެރި ނަރުދަމާ އެންމެނަށް" ކެމްޕޭން ފަށައިފި

"ސާފު ފެނާއި ރައްކާތެރި ނަރުދަމާ އެންމެނަށް" މި ނަމުގައި ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

"ފެންފަހި" ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ މި ކެމްޕެއިން ފެށީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރަން އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކެމްޕޭން ފައްޓަވައިދެއްވީ މިނިސްޓާ ތޯރިގް އިބްރާހިމެވެ. މިއީ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓާ ތޯރިގު ވިދާޅުވީ ފެނުގެ މުހިންމުކަން ދަނެގަނެ ފެން އިސްރާފު ނުކުރަން މަސައްކަތްތައް ކުރުން މުހިންމު ކަމަށާއި ރާއްޖޭގައި ސާފު ބޯފެނާ ނަރުދަމާ ގާއިމު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ މިދިއަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ 27 ރަށެއްގައި ސާފު ބޯފެން ނަގައި ރައްކާކުރެވޭނެ ނިޒާމް ގާއިމް ކޮށްދީފައި ވާއިރު، އިތުރު 76 ރަށެއްގައި އެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި "ސާފު ފެނާއި ރައްކާތެރި ނަރުދަމާ އެންމެނަށް" ކެމްޕޭނާ ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅި އެވެ. ޕްރެޒެންޓޭޝަންގައި ކެމްޕޭނުގައި ރާވާފައިވާ ހަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލި އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތް ކުރާ ގައުމީ އިދާރާތަކާއި އެހީދޭ ފަރާތްތައް ގުޅިގެން ހިންގާނެ ހަރަކާތްތައް ހިމެނެ އެވެ. އަދި ފެނުގެ ވަސީލަތްތަކާއި ފެނާ ނަރުދަމާގެ ނިޒާމުތަކާ ގުޅޭގޮތުން ސްކޫލްކުދިންނާއި ޒުވާނުންނާއި ވިޔަފާރިވެރިންނާ މުއައްސަސާތަކާއި ސިނާއީ މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރި ކުރުވުމުގެ ކަންކަން ވެސް މި ޕްރެޒެންޓޭޝަންގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީގެ "ފެހިފަހި" ކުލަބުން މިއަދު ވަނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ފެން ރައްކާކުރުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓަރު ވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ ކޮންމެ މުވައްޒަފަކަށް ބިއްލޫރި ފުޅިއެއް ހަދިޔާ ކޮށްފަ އެވެ.