ހަބަރު

ހޮންކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެވަނަ ބައްދަލުވުން ފަށައިފި

ރާއްޖެއާއި ހޮންކޮންގެ ދެމެދު އެކުލަވައިލުމަށް މަސައްކަތް ކުރާ ފްރީ ޓްރޭޑް އެގްރީމެންޓު ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދެވަނަ ބައްދަލުވުން ފަށައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިޔަށް ދާ ބައްދަލުވުން ފެށުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހޮންކޮންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަވާލަނީ ޗައިނާއާ ރާއްޖެ ދެމެދު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދާފައިވާ އަސާސްގެ މައްޗައް ބިނާކޮށްގެން ކަމަށެވެ. އޭގެ ސަބަބުން ހޮންކޮންއާ އެކު ކުރަން ޖެހޭ މަސައްކަތް ވަރަށް ފަސޭހަވެފައިވާ ކަމަށާއި އަދި މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގައި ގިނަ ބައިތަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"ހޮންކޮންއާއެކު ގާއިމް ކުރާ މި އެއްބަސްވުމަކީ ދެ ގައުމަށް ވެސް ހަމަހަމަޔަށް ފައިދާ ކުރާނެ އަދި ދެފަރާތައް ވެސް ކާމިޔާބު ލިބޭނެ އެއްބަސްވުމަކަށް ވާނެ. އަދި އާ މާކެޓުތަކާއި ވިޔަފާރީގެ ފުރުސަތުތަކަށް ދެ ގައުމުގެ ރައްޔޮތުންނަށް ވެސް ހުޅުވިގެން ދާނެ ކަން ގަބޫލު ކުރަން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިހާރު ކުރިޔަށް ދާ މަޝްވަރާ ބައްދަލުވުމަށް ފަހު ހުރިހާ ބޮޑެތި ކަންކަމުގައި އެއްބަސްވުމަކަށް އާދެވޭނެ އާދެވޭނެ ކަމަށާއި އަދި ހޮންކޮންއާ އެކު ކުރިޔަށްދާ ތިން ވަނަ މަޝްވަރާ ބައްދަލލުވުމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތައް ނިންމާލެވޭނެ ކަމަށެވެ.

ހޮންކޮންއާ އެކު މި މަޝްވަރާތައް ކުރިޔަށް ދާ އިރު ސަރުކާރުން ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް ކުރަން ޖެހޭ މަޝްވަރާތައް ނިންމާލާފަ އެވެ. އަދި ކުރިޔަށް އޮތްތާ އިތުރު ގައުމުތަކާއެކުގައި ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާނެ ކަމަށް ވެސް ސައީދު ވިދާޅުވެފައި ވެއެވެ.