ހަބަރު

ވޯޓުގެ ކަންކަން ދިޔައީ އިންސާފުން: ސަރުކާރު

Mar 28, 2017
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އިއްޔެ މަޖިލީހުގައި އިންސާފުން ބޭރުން އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ. އިއްޔެގެ ވޯޓު މިނިވަން ކަމަށް ވެސް ބުންޏެވެ.

ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ ދެ ފުށް ފެންނަ ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެ ބަޔާން ނެރެފައިވަނީ އިއްޔެ މަޖިލީހުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުމާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިއްޔެގެ ވޯޓުގެ ކަންކަން ނިމިގެން ދިޔައީ ރާއްޖޭގެ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ.

ރާއްޖެއާ ގުޅުން ބަދަހިކުރުމުން އަންނަ ގައުމުތަކުން ރާއްޖޭގެ މުއައްސަސާތަކުން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރެއްވުމަށް މިނިސްޓްރީގެ ބަޔާނުގައި ގޮވާލައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅުފަރާތްތަކުން އިއްޔެ ހުށަހެޅި މައްސަލާގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ނުކޮށް، ރޯލް ކޯލް ވޯޓެއް ނަގަން ނިންމީ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް އެކަން ނިންމުމުން އިދިިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި އަޑު ގަދަކޮށް، މަޖިލިސް ހަލަބޮލިކޮށްފަ އެވެ. އެހިސާބުން 13 މެމްބަރެއްގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްލިއެވެ. އިދިކޮޅު އެހެން މެމްބަރުން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ އަމިއްލައަށެވެ.