މިނިސްޓަރު އިބްރާހީމް ފައިސަލް

ގަން-ފޮނަދޫ ވެގެންދާނީ އެންމެ ފުރިހަމައަށް ތަރައްގީވެފަ އޮތް ސިޓީއަށް: ފައިސަލް

ލ. ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި ގަން-ފޮނަދޫ ވެގެންދާނީ ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީވެފައި އޮތް ސިޓީއަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިނިސްޓަރު ފައިސަލްގެ ބައްޕަ އަބްދުއްރަހީމް އަބްދުﷲ އަށް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން އެކަން ފާހަގަކުރުމަށް ލ. އަތޮޅުގައި ބޭއްވި ހަރަކާތަކަށްފަހު ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގަން-ފޮނަދޫގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިހާބު ކަމަށެވެ.

"މިތާނގައި އަޅުގަނޑުމެން ދެން އިންތިހާބު ކުރާނީ ގަން-ފޮނަދޫ ސިޓީގެ މޭޔަރު އަދި ގަން-ފޮނަދޫ ސިޓީގެ އާންމު މެންބަރުން،" ފައިސަލް ވިދާޅުވި އެވެ.

ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ގާއިމުކުރަންޖެހޭ ވަސީލަތްތައްވެސް މި ސަރުކާރުން ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ލ. އަތޮޅުގައި "ވަން އައިލެންޑް" ކޮންސެޕްޓްގެ ހަތަރު ރިސޯޓް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމުގެ ލީސް އެއްބަސްވުމުގައި މި ހަފުތާ ތެރޭގައި ދުބާއީގެ ކުންފުންޏަކާއެކު ސޮއި ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.