ހަބަރު

ވެލެޒިނީއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅައިފި

Mar 29, 2017
17

މިހާރު ނެދަލޭންޑްގެ، ހޭގްގައި ދިރިއުޅެމުން އަންނަ ދިވެއްސެއް ކަމަށްވާ އައިޝަތު ވެލެޒިނީ މުހައްދަކީ މުރުތައްދުވެފައިވާ އަންހެނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝިއަލް މީޑިއާގައި މިހާރު ދައުރު ކުރަމުންދާ ވީޑިއޯއެއްގައި ދައްކަމުންދާ ވާހަކަތައް ރަނގަޅަށް އަޑުއަހާ ބެލުމުން އެވާހަކަ ދައްކާ ވެލެޒިނީގެ ވާހަކަތަކުން އޭނާވަނީ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމްދީނުގެ އުސުލުތަކުން ބޭރުވެ މުރުތައްދުވެފަ އެވެ.

"... މިގޮތުން ބަލާއިރު އައިޝަތު ވެލެޒިނީ މުހައްމަދުގެ މި ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް އޭނާއަކީ، މުރުތައްދުވެފައިވާ މީހަކު ކަމުގައި މި މިނިސްޓްރީގެ އިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅައިފި ވާހަކަ ދަންނަވަމެވެ" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބުނެފައި ވަނީ ރަސޫލާ މުހައްމަދު صلى الله عليه وسلم އަކީ އެންމެ ފަހުން ފޮނުއްވޭނެ ނަބިއްޔާ ކަމާއި، ރަސޫލާކަން ކީރިތި ގުރްއާނާއި މާތް ރަސޫލާގެ ސުންނަތުން ބަޔާން ކޮށްދެއްވާފައި ކަމަށާއި އެހެންކަމުން އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމް ދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ހައްގަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުސޫލުތަކުން ވަނީ ކަނޑައަޅާ ދީފައިވާ ކަމަށެވެ. އަދި ބުއްދި ސަލާމަތުން ހުރެ މުސްލިމަކު އެފަދަ ވާހަކައެއް ދައްކައިފިނަމަ އެމީހަކު ވާނީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމަށެވެ.

އިސްލާމީ އުސޫލުތަކާ ހިލާފު އެފަދަ ވާހަކަތައް ދިވެހި ރައްޔިތުން ފަތުރާ ނުހެދުމަށް ވެސް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފަ އެވެ.

މއ. ޝިމާގު، ވެލެޒިނީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރި މެންބަރެވެ.
ހޭގްގައި ހުރެގެން، އާންމުން ކުރަމުން ގެންދާ ވީޑިއޯތަކުގައި އޭނާ ބުނަނީ އޭނާއަކީ ރަސޫލެއް ކަމަށެވެ. އަދި އޭނާ މިހާރު ހުރީ މަހުޝަރު ބިމުގައި ކަމަށެވެ. އަދި އޭނާއަކީ ކީރިތި ގުރުއާނާއި އޭގެ ކުރިން ކުރިން ބާވާލެއްވި ފޮތްތައް ގުޅުވާލަން އަންނަ އެންމެ ފަހުގެ ރަސޫލާ ކަމަށެވެ.

ވެލެޒިނީ އަކީ މީގެ ކުރިން އޭނާ ރާއްޖޭގައި ދިރިއުޅުނު އިރުވެސް އިސްލާމްދީނަށް ނިސްބަތްވާ ގޮތަށް ބަދުބަސް ބުނެފައިވާ އަދި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގައި ހޯދަން މުޒާހަރާ ކުރި ބައެއްގެ ދިފާއުގައި މަސައްކަތް ކޮށްފައިވާ އަންހެނެކެވެ. އަދި ރާއްޖޭގައި ފާޅުގައި މުސްލިމެއް ނޫންކަމަށް އިއުލާން ކުރި މީހަކަށްވެސް އޭނާ އެ ދުވަސްވަރު ހިތްވަރު ދީފައެވެ.