ހަބަރު

ސަފީރުންގެ މަހާސިންތާއެއް މި މަހު ބާއްވަނީ

ރާއްޖެ ފަރާތުން އެކި ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ މެދުގައި މަހާސިންތާއެއް ބޭއްވުމަށް ފޮރިން މިނިސްޓްރީން ނިންމައިފި އެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ހޮޓަލް ޖެންގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަފީރުންގެ މަހާސިންތާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެ ފަރާތްތަކަށް އަދާ ކުރެވިދާނެ މަސައްކަތްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ ގޮތުން ބޭރުގެ އިންވެސްޓަރުންނަށް މައުލޫމާތު ހިއްސާ ކުރެވިދާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން އެ މަހާސިންތާގައި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކާއި، ބައިނަލްއަގުވާމީ ކަންކަމުގައި ސަރުކާރުން ނަންގަވާ ސްޓޭންޑް ހުރިހާ އެމްބެސެޑަރުންނާ ހިއްސާ ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މަހާސިންތާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއާއި އުމްރާނީ ތަރައްގީގެ ދާއިރާގެ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް ސަފީރުންނަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މައުލޫމާތު ބަދަލު ކުރާނެ އެވެ.