ވިޔަފާރި

އިގްތިސާދަށް ލިބޭ އަނިޔާ؛ ވިސްނާލަން ވެއްޖެ!

Mar 31, 2015
1

ހުރިހާ އެންމެންގެ އަމާޒު ވެސް ހުއްޓެނީ ސިޔާސީ ކަންކަމަށެވެ. ކަންތައްތަކުގެ ހައްލުގެ ގޮތުގައި ދެކެނީ އެބަޔަކު ސަޕޯޓްކުރާ ސިޔާސީ ފިކުރެއްގައި ނިކުމެ މަގުތަކުގައި އަޑުގަދަކޮށް ގައުމު ހަލަބޮލިކޮށްލުމެވެ. އިގްތިސާދަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ އާއި އިންފްލޭޝަނާއި ގައުމުގެ އުފެއްދުންތެރިކަން އެއް ހަމައެއްގައި ހިފެހެއްޓިފައި ހުރުމުގެ ސީރިއަސް މައްސަލަތަކަށް ވިސްނުމެއް ނުހިންގެ އެވެ. އެ މައްސަލަތަކުގެ މައްޗަށް ހިޔަނި އެޅި ފޮރުވާލާފައި ވަނީ ސިޔާސީ ބަހުސްތަކާއި ކޯޅުންތަކެވެ. އެކަމަކު އިގްތިސާދަށް ވުރެ ސިޔާސީ މައްސަލަތައް ކުރިއަށް ނެރުމުގެ ހިތިކަން ކުރިމަތިވެދާނެ ކަމަށް ގަބޫލު ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

"ކޮންމެ ބަޔަކު ވެސް މި ބުނަނީ ހައްލަކީ ތިމަންނާމެންނޭ. އިގްތިސާދާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ބައިވަރު މައްސަލަ އެބަހުރި. ނަމަވެސް އެއްވެސް މީހަކު އެކަންތައްތަކާ މެދު ވާހަކައެއް ނުދައްކާ. އަނެއް ބަޔަކު ގައުމުގެ އިގްތިސާދު ހަމަ ސީދާ ހަލާކުކޮށްލަނީ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ބައިވަރު. އެހެން ގޮސް ސިޔާސީ ވާހަކައިގައި ތިއްބާ ވިޔަފާރިތައް ފިތިގެން ގޮސް މަރުވެގެން ދަނީ. އަހަރުމެން ކައިގެން އުޅޭނެ ގޮތަކާ މެދު އެކަކު ވެސް ނުވިސްނާ،" ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވި އެވެ.

އިގްތިސާދަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު އެންމެ އާދައިގެ މީހާއިން ފެށިގެން ގޮސް އެންމެ މުއްސަދި މީހާއާ ހަމައަށް ވެސް ކުރެ އެވެ. އެފަދަ ވާހަކަތަކާއި ބަހުސްތަކަކީ އަދި އަހަންނަށް ވުރެ މާ މަތިން ދާ ކަންތައްތަކެއް ކަމަށް ހީވެފައި އޮތަސް، ގެއަށް ގެންދާ މުސާރަ އާއި ތަކެތީގެ އަގު ބޮޑުވުން ގުޅިފައި ވަނީ އިގްތިސާދީ ސިޔާސަތުތަކަކަށެވެ. ސިޔާސީ ހަަލަބޮލިކަން 2006 ވަނަ އަހަރު ފެށުމާ އެކު، ރާއްޖެ އަށް އައި އިންވެސްޓަރުން މަދުވެ، ތަރައްގީ ކުރެވުނު މެގަ ޕްރޮޖެކްޓެއް ނެތެވެ. އިގްތިސާދު ދުވެލި ހުރީ ބުރަކި ޖެހިފަ އެވެ.

އެކަމަކު އައިއެމްއެފް ފަދަ ޖަމާއަތްތަކުން ރާއްޖޭގެ އިގްތިސާދުގެ މިސްރާބާ މެދު ތިބީ ހިތްހަމަ ޖެހިފަ އެވެ. އިގްތިސާދުގެ ބިންގާ ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ އެސްއީޒެޑްގެ ޕްރޮޖެކްޓަށް އެ މީހުން ތިބީ ފެހި ސިގްނަލް ދައްކައިގެންނެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަކަށް ސަރުކާރުން އޮތީ އަމާޒު ހިފައިފަ އެވެ. މި ހުރިހާ ކަމަކަށް ހަމަ ހިމޭންކަމާއި އެކު ސަރުކާރަށް ވަގުތު ދޭން އަޅެ ނުޖެހޭ ހެއްޔެވެ؟ 

ސިޔާސީ ސައްލާގައި ތިބި ގިނަ ބަޔަކު ހަނދާން ނައްތާލާފައި އޮތީ އިގްތިސާދުގެ ވާހަކަތަކެވެ. ސަރުކާރަކަށް ގައުމު ކޮޅަށް ނެގޭނީ ވެސް އިގްތިސާދު ކުރިއަރުވަން ފުރުސަތު ދީ، އެފަދަ އަމާން ވެއްޓެއް ގާއިމްކޮށްދީގެންނެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ރައްޔިތުން ކައްކުވައިގެން ސިޔާސީ ފައިދާ ނަގައި ކޮންމެ ފަހަރަކު އެ ކަތިލައި ލެވެނީ ގައުމުގެ އިގްތިސާދެވެ. އެކަހަލަ ކޮންމެ ފަހަރަކު ބަޔަކު އަންނަނީ ނާޖާއިޒު ފައިދާތަކެއް ވެސް ނަގަމުންނެވެ.

އާސިފް ވިދާޅުވި ގޮތުން ސިޔާސީ ފައިދާތަކެއް ނެގުމަށް ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވުމާއި ރާއްޖޭގައި ކަން ހިނގާ އަސްލުގޮތަށް ވުރެ ކަންކަން މާބޮޑުކޮށްލައިގެން ބޭރު ދުނިޔެއަށް ދެއްކުމުން އޭގެ ހިތި ފޯރަނީ ވިޔަފާރިތަކަށެވެ. ސަރުކާރަށް ނޫނީ ސިޔާސީ ފަރާތްތަކަށް ގެއްލުންވުމަށް ވުރެ ބޮޑަށް އިގްތިސާދީ ލޮޅުންތަކުގެ ވޭން އެންމެ ބޮޑަށް ނަގަން ޖެހެނީ އާދައިގެ ވިޔަފާރިތަކެވެ.

"ސިޔާސީ ކަމެއް ވާ ކޮންމެ ފަހަރަކު ބޮޑެތި ވިޔަފާރިތައް ހުންނަ މަޖީދީ މަގު ކަހަލަ ސަރަހައްދުތައް މުޒާހަރާކުރާތީ ބަންދު ކުރަނީ. އެ މީހުން މި ތިބެނީ ބޮޑެތި ކުލި ދީގެން. އެކަމަކު އެތަނަށް ރެއަކާ ދުވާލަށް ވަންނަ ސޭލްސް ސުމެއް ވީމައި ކިހިނެއްތޯ އެ މީހުން ސަވައިވްް ވާނީ. ކާކުތޯ އެ މީހުންނަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ. މުޅި ވިޔަފާރި ފުނޑިގެން ދިޔައިމާ އެއްކަލަ މުޒާހަރާ ކުރަން މަގުމައްޗަށް ނިކުމެ ރައްޔިތުން ފަހަތުލައިގެން އުޅޭ މީހާ ނޫނީ މީހުންތައް ނުނަގާނެ ޒިންމާއެއް،" އާސިފް ވިދާޅުވި އެވެ.

އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ނާޒުކުވުން ނޫން ކަމެއް ނުވާ އިރު މުޒާހަރާތައް ކުރުމުގެ ސަބަބުން އެތައް ވިޔަފާރިއެއް ބަންދު ކުރަން ޖެހިފައި އެބަ ހުއްޓެވެ. ނޫނީ އެކަށީގެންވާ ވަރަށް ވިޔަފާރި ނުވެ އާމްދަނީ އެއް ނުލިބި މާޔޫސްވެފައިވާ ވިޔަފާރިވެރިން އެބަ ތިއްބެވެ. މިވީ މަހެއްހާ ދުވަހުގެ ތެރޭގައި މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގެ ވިޔަފާރިތަކުގެ ސޭލްގެ ގާތްގަނޑަކަށް 25 ޕަސެންޓް ވެއްޓިއްޖެ އެވެ. ނަމަވެސް އެ މީހުންގެ ވިޔަފާރިތަކަށް ކުރާނެ ގެއްލުންތަކާއި، އެ މީހުންނަށް އެވާ އަނިޔާއާ މެދު ހާސްވީ ބަޔަކު ނެތެވެ.

"މުޒާހަރާ ކުރާތީ އޮންނަނީ މަގުތައް ބްލޮކްވެފައި. އެހެން ވީމާ ބައެއް ރޭ ރޭ އެބަ ދޭ މީހަކު ނުވަދެ. އެކަމަކު ހުރިހާ ހަރަދެއް އައީ ބަރާބަރަށް ހިނގަމުން. މި ހަލަބޮލިކަމުގެ ހުރިހާ އަސަރެއް މި ކުރަނީ އަޅުގަނޑުމެންނަށް. އެކަމަކު އެންމެން ވެސް ބުނަނީ ރައްޔިތުން ހައްގުގައޭ މި އުޅެނީ. އެހެން ވީމާ އަޅުގަނޑުމެންނަކީ ރައްޔިތުންނެއް ނޫންތާ؟،" މަޖީދީ މަގުގައި ގާމެންޓްސް ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

މިއަހަރު ވެސް ސަރުކާރުން 24 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކާ އެކު، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް އޮތީ ރާވައިފަ އެވެ. އެއާޕޯޓް ތަރައްގީ އާއި މާލެ-ހުޅުލެ ބްރިޖްގެ މަޝްރޫއާއި އެސްއީޒެޑްގެ މަޝްރޫއުތަކަށް ސަރުކާރުން އަންނަނީ މިހާރު ތައްޔާރުވަމުންނެވެ. އެކަމަކު ބަޖެޓަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ކުރިއަށް ވުރެ މަދުވާނެ ކަން މި ވަނީ ޔަގީންވެފަ އެވެ. އެހެންވެ ބަޖެޓް ޑެފިސިޓް އިތުރަށް ބޮޑުވުމުގެ ކަންބޮޑުވުމާއި ގޮންޖެހުން އެބަ އޮތެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރެވޭ ބައެއް މަސައްކަތްތައް ވެސް ސިޔާސީ އެކި ވާހަކަ ދައްކައިގެން ހުއްޓުވޭތޯ ގިނަ ފަހަރަށް އެބަ ބަލަ އެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކެއް ފްލޮޕްވެއްޖެ ނަމަ، އަނިޔާ ލިބޭނީ ހަމަ ރައްޔިތުންނަށެވެ. ސިޔާސީ ގޮތުން ބޭނުންވާ ކަމެއް ނުވާ ކޮންމެ ފަހަރަކު މަގުތަކަށް ނުކުމެ، ގައުމު ހަލަބޮލިކޮށްލުމުން ނޭނގި ތިބެ އެ ހައިޖެކް ކުރެވެނީ މުޅި ރައްޔިތުންނާ ގުޅިފައި އޮތް އިގްތިސާދެވެ. ޓޫރިޒަމް ބޮއިކޮށް ކުރުމަށް ގޮވާލުމަކީ ކަރުގައި އަމިއްލައަށް ވަޅި އަޅައި މަރުވުން ކަހަލަ ކަމެކެވެ.

މައްސަލަ އެއް ނެތެވެ؛ ތަހުޒީބާއި ޑިމޮކްރަސީއަށް ޓަކައި އިގްތިސާދު ގުރުބާންކޮށްގެން އެކަން ކުރުމަށް ފަހު ދެން ވަންނާނީ ކޮން ތަނަކަށް ހެއްޔެވެ؟ ބަގްރޫޓްވެފައި އޮތް ގައުމަކަށް، އިގްތިސާދު ފުޑިފައި އޮތް ގައުމަކަށް ގެނެވޭނެ އުފާވެރި ކަމެއް ނެތެވެ. އެކަހަލަ މިނިވަންކަމެއް ބޭނުން ނަމަ، އަދި އެއްފަހަރު ވިސްނާލަން ޖެހެ އެވެ. ނަމަވެސް މި މައްސަލަތަކާ އަޅާލުމަށް ވުރެ ބޮޑަށް ސިޔާސީ ކަންތައްތައް ވަނީ މުހިންމުވެ ފަލަ ސުރުހީގަ އެވެ. އެކަމަކު ގައުމު ހަލާކުކޮށްލުމުގެ ކުރިން އަދި އެއްފަހަރު ވިސްނާލާށެވެ.