ދުނިޔެ

އެމެރިކާއިން އުތުރުކޮރެއާއަށް އަޅާނީ އަސްކަރީ ފިޔަވަޅެއްނޫން

Apr 27, 2017
2

އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު ހޫނު ޒުވާބުތައް ކޮށް، ކޮރެއާ ސަަރަހައްދަށް ހަނގުރާމަމަތީ އުޅަނދުތައް ވެސް ފޮނުވުމަށް ފަހު އެެމެރިކާގެ ރާގު ބަދަލުވެއްޖެއެވެ.

އެމެރިކާއާއި ދެކުނު ކޮރެއާއިން މިއަދު އެއްބަސްވެފައި ވަނީ ރުޅިއެރުވުމުގެ އިތުރު އަމަލެއް ހިންގައިފި ނަމަ އުތުރުކޮރެއާއަށް އަދަބު ދިނުމަށެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ އެގައުމުން އިސްކަންދޭނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި ޑިޕްލޮމެޓިކް ގޮތުން ފިއްތުންތައް ކުރިމަތި ކުރުމަށް ކަމަށެވެ.

" ދެފަރާތުން އެެއްބަސްވެފައިވަނީ ސްޓްރެޓެޖިކް ގޮތުން ރުޅިއެރުވުމުގެ އިތުރު ހަރަކާތެއް އުތުރުކޮރެއާއިން ހިންގައިފި ނަމަ އަދަބު ދިނުމުގެ ފިޔަވަޅުތައް ވަގުތުން އަޅާށެވެ. އުތުރުކޮރެއާއަށް ތަހަމައްމަލު ނުކުރެވޭ ވަރުގެ ގަރާރެއް ޔޫއެން ސެކިއުރިޓީ ކައުންސިލުން ފާސްކުރުން ވެސް އޭގެ ތެރޭގައި ހިމެނޭނެއެވެ،" ދެކުނުކޮރެއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ފޯނުން ވާހަކަ ދެއްކެވުމަށް ފަހު ދެކުނުކޮރެއާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރު ކުރުމުންނެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. އެކަމުގައި މިފަހަރު އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގައުމުން އެންމެ ފަހުން ކުރި ގިނަ ޓެސްޓްތައް ވަނީ ނާކިޔާބު ވެފައެވެ. އުތުރު ކޮރެއާއިން މިދިޔަ އަހަރު ނިއުކްލިއަ ޓެސްޓްތަކެއް ވެސް ކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނިއުކްލިއަ ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކޮރެއާ ހުއްޓުވަން ކޮންމެ ފިޔަވަޅެއް ވެސް އަޅަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަަމަށް ވެސް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.