ދުނިޔެ

ސައުދީގެ ދިފާއަށް ހަރަދުކުރަން ޖެހޭތީ ޓްރަމްޕް ޝަކުވާ ކުރައްވައިފި

Apr 29, 2017
2

ސައުދީ އަރަބިއްޔާގެ ދިފާއަށް އެމެރިކާއިން ބޮޑު ހަރަދެއް ކުރަންޖެހޭ އިރު އެ ގައުމުން އެމެރިކާއާ މެދު ރަނގަޅަށް ކަންތައް ނުކުރާ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ޝަކުވާ ކުރައްވައިފި އެވެ.

ދިފާއީ ކަންކަމަށް އެކަށީގެންވާ ވަރަށް ސައުދީން ހަރަދު ނުކުރާ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ޓްރަމްޕް ވިދާޅުވި އެވެ. ސައުދީގެ ދިފާއަށް އެމެރިކާއިން ކުރާ ހަރަދުގެ ޝަކުވާ މިފަހަރު އޭނާ ކުރެއްވީ ރޮއިޓާސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

"ތެދަށް ބުނަންޏާ، ސައުދީ އަރަބިއްޔާއިން އަހަރެމެންނަށް ހެޔޮކޮށެއް ނުހިތާ. އެހެނީ އަހަރެމެން އަތުން އެބަދޭ އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ، ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް،" ރޮއިޓާސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި ކަމަށް އެ އެޖެންސީގެ ހަބަރުގައި ވެއެވެ.

އިންޓަވިއުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާއަށާއި އިޒްރޭލަށް ދަތުރުފުޅެއްް ކުރެއްވުމާ ބެހޭ ގޮތުން އޭނާގެ ސަރުކާރުން އެގައުމާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ވާހަކަ ދައްކަނީ މޭމަހުގެ ފަހުކޮޅު ދަތުރުކުރެއްވުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ޓްރަމްޕް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ބެލްޖިއަމްގެ ވެރިރަށް ބްރަސުލްސް އަށެވެ. އެެއީ މޭމަހުގެ 25 ވަނަ ދުވަހު އެރަށުގައި ބާއްވާ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން( ނޭޓޯ) ގެ ވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން 2016 ވަނަ އަހަރު ޓްރަމްޕް ވިދާޅުވެފައި ވަނީ އެެމެރިކާއިން ބަލަހައްޓާތީ އެއްވެސް ބަޔަކު ސައުދީ އަރަބިއްޔާއަށް ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އެކަަމަށް ސައުދީން އެކަށީގެންވާ އަގެއް ނުދައްކާ ކަމަށާއި އެމެރިކާއަށް ވަނީ ގެއްލުން ކަަމަށް ވެސް އެޖަލްސާގައި އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގައިވާ އެމެރިކާއާ އެންމެ ގާތް ގުޅުމެއް އޮންނަ އެއް ގައުމަކީ ސައުދީ އަރަބިއްޔާއެވެ. އެގައުމަށް ބޭނުންވާ ހަތިޔާރުތައް ފޯރުކޮށްދެނީ އެމެރިކާއިންނެވެ. ބަދަލުގައި އެމެރިކާގެ ކުންފުނިތަކަށް ލިބެނީ ސައުދީ އަރަބިއްޔާގެ ހަކަތައިގެ މަޝްރޫއުތަކެވެ.