ހަބަރު

ހިތަދޫ އުތުރު އަދި ދެކުނު ދާއިރާގެ ނަރުދަމާގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ، ހިތަދޫ އުތުރު އަދި ދެކުނު ދާއިރާގެ ނަރުދާމާ ނިޒާމްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާ އެވެ.

އެމްޑަބްލިއުއެސްސީއިން ކުރިއަށް ގެންދާ މި މަޝްރޫއަކީ ސަރުކާރުން ބަޖެޓުން ހަރަދުކުރާ މަޝްރޫއުއެކެވެ. މަޝްރޫއުއަށް 109 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

ހިތަދޫ އުތުރު ދާއިރާގައި މި މަޝްރޫއުގެ ދަށުން ހަތަރު ޕަންޕް ސްޓޭޝަން ބަހައްޓާނެ އެވެ. އަދި އަށް ކިލޯ މީޓަރުގެ ނަރުދަމާ ވިޔުގަ ގުޅާލާނެ އެވެ. ދެކުނު ދާއިރާގައި ނުވަ ޕަންޕް ސްޓޭޝަން ބަހައްޓަން ހަމަޖެހިފައިވާއިރު 25 ކިލޯ މީޓަރުގެ ނަރުދަމާ ވިޔުގަ ގުޅާނެ އެވެ.

ހިތަދޫ މެދު ދާއިރާގެ ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

މިއަދު ވަނީ އައްޑޫ ސިޓީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށާފަ އެވެ. އެ ތިން ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

މިއީ 130.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއަށް ހަރަދު ކުރަނީ އޯޕެކްގެ ލޯން އެހީ އަދި ދިވެހި ސަރުކާރުންނެވެ.

މިމަޝްރޫއުގެ ދަށުން އެ ތިން ރަށުގައި 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރާނެ އެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެއެވެ.

އިއްޔެ ވަނީ އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫގެ ނަރުދަމާގެ މަސައްކަތް ވެސް ފަށާފަ އެވެ. ހުޅުދޫ އަދި މީދޫގައި ހަދާ ނަރުދަމާ ނިޒާމަށް 113.9 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެ މަޝްރޫއުގެ ދަށުން 31.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އެދެ ރަށުގައި ގާއިމްކުރާނެ އެވެ. އަދި 1885 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އައްޑޫގެ ނަރުދަމާގެ މަޝްރޫއުއަކީ މިހާތަނަށް ހިންގާ އެންމެ ބޮޑު ނަރުދަމާގެ މަޝްރޫއުއެވެ.

"މިއީ ރައީސް ޔާމީން އައްޑޫ ރައްޔިތުންނަށް ހާއްސަކޮށް ހިންގަވާ މަޝްރޫއެއް، އަސްލު ސިޓީއަކަށް ހަދަވައިދެއްވުމަށް ކުރައްވާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.