ވިޔަފާރި

އެސްއީޒެޑް ބޯޑަށް ހުށަހެޅުންތައް ބަލައިގަންނާނީ 25،000 ޑޮލަރާ އެކު

ގެޒެޓުކޮށްފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ގަވާއިދުގައި ވާ ގޮތުން ޕްރޮޕޯސަލް ހުށަހަޅަން ހާއްސަ ކުރެވިފައިވާ ފޯމާ އެކު ބޯޑަށް ހުށަހަޅާއިރު އެ ހުށަހެޅުމަކާއި އެކު "އެޕްލިކޭޝަން ޕްރޮސެސިން ފީ" އެއްގެ ގޮތުގައި 25000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ނޯޑުން އިނިޝިއަލް ޕާމިޓް ދޫކުރާތާ 15 ދުވަހުގެ ތެރޭގައި އެހުށަހެޅުން ހުށަހެޅި ފަރާތަކުން އެއް މިލިއަން ޑޮލަރުގެ ބޭންކް ގެރެންޓީއެއް ބަހައްޓަން ޖެހެ އެވެ.

ގަވާއިދުގެ ވާގޮތުން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޒޯނެއް ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމާ އެއްގޮތަށް ހުއްދަ ދިނުމާއި ނުވަތަ އެ ހުށަހެޅުމަށް ބަދަލުގެނެސް އަލުން ހުށަހެޅުމަށް އެންގުން ހިމެނެ އެވެ. ނުވަތަ އެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށް ނުވަތަ އެ ހުށަހެޅުމުގެ މައްޗަށް ހުއްދަދެވެން ނެތްކަމަށް ސަބަބު ބަޔާންކޮށް ކަނޑައަޅައި، އެކަން ހުށަހެޅުން ހުށަހެޅި ފަރާތަށް އެންގުން ވެސް ހިމެނެ އެވެ.

މި ގަވާދުގައި ވާ ގޮތުން ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިދާރީގޮތުން އެހީތެރިވުމަށް، ސެކްރެޓަރީ ޖެނެރަލަކާއި އެސްއީޒެޑްގެ ސެކްޓޭރިއެޓް ބޯޑުގެ ލަފާގެމަތިން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެ އެވެ.

"ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު ބޯޑާއި އަދި އެސްއީޒެޑް މަސަކަތްތައް ކުރުމަށާއި ޤާނޫނު ތަންފީޒުކުރުމަށާއި، މި ގަވާއިދުގެ ދަށުން ބޯޑުން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ ފައިސާ ހިމެނުމަށް، ބޯޑުގެ މަޝްވަރާގެމަތިން، ޗެއަރޕާސަން މަސައްކަތްކުރަންވާނެ އެވެ،" މި ގަވާއިދުގައިވެ އެވެ.

އެސްއީޒެން ބޯޑުގެ ގަވާއިދުގައިވާ ގޮތުން ޒޯނުގައި ކުރާ އިންވެސްޓްމަންޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި ވަޒަންކޮށް އެ އިންވެސްޓްމަންޓްތަކާބެހޭ ރިޕޯޓުތައް މިނިސްޓްރީތަކަށް ހުށަހެޅުމުގެ ޒިންމާވެސް މި ބޯޑަށް ލިބިގެން ވެ އެވެ.

އެސްއީޒެޑްގެ ހިންގާ ބޯޑުގައި ފަސް މެންބަރުން ތިބެން ޖެހެ އެވެ. މި ބޯޑަށް މެންބަރުން އައްޔަން ކުރާނީ ރައީސުލް ޖުމްހޫރިއްޔާ އެވެ. އަދި ބޯޑުގެ ޗެއާޕާސަނާއި ވައިސް ޗެއާޕާސަންގެ ގޮތުގައި ހުންނާނީ ބޯޑަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހެކެވެ.

މި ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

މި ގަވާއިދުގައިވާ ގޮތުން ބޯޑަށް ލަފާ ދިނުމަށް އެކުލަވާލާ ޓެކްނިކަލް ކޮމެޓީގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި މަސީ އަދި ވިޔަފާރިވެރިންގެ ޖަމިއްޔާ ހިމެނޭ ގޮތަށް ކޮމެޓީއެއް އޮންނަން ޖެހެ އެވެ. އަދި މި ކޮމެޓީގެ ތެރޭގައި ސެކިއުރިޓީ ކޮމެޓީ އަކާއި އިގްތިސާދީ ކޮމެޓީއެއްގެ އިތުރުން އަދި ތިމާވެއްޓާ ބެހޭ ކޮމެޓީއަކާއި މާލީ ކޮމެޓީއެއް އޮންނަން ޖެހެ އެވެ.