ވިޔަފާރި

އެލިއާއިން ޝަރީއާ ހުއްދަކުރާ އިތުރު ޕްރޮޑަކްޓެއް ނެރެފި

May 21, 2017

އެލިއާ އިންވެސްޓްމަންޓުން ޝަރީއާ ހުއްދަ ކުރާ އިތުރު ފައިނޭންސް ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލްގަައި ބޭއްވި ރަސްމިއްޔާތެއްގައި "ބައިޢުއްތަޤްސީީޠު" ފައިނޭންޝަލް ޕްރޮޑްކްޓް ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީމް އަހުމަދެވެ.

"ބައިޢުއްތަޤްސީީޠު"އާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އަޒްލީމް ވިދާޅުވީ ރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމް ގައުމަކަށްވާއިރު، ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަކީ ޝަރީއާ ހުއްދަކުރާ އެއްޗަކަށްވުން ކޮންމެހެން މުހިންމު ކަމަށެވެ.

"މިހާރު ވާގޮތަކީ އެއްޗެއް މުއާމަލާތެއް ހިންގާއިރު ގިނަ މީހުން ނުބަލާ ޝަރީއާ ހުއްދަ ކުރޭތޯ؟ އެކަމަކު މިއީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެލިއާއިން މިފަހަރު ތައާރަފުކުރި ޝަރީއާ ހުއްދަ ކުރާ "ބައިޢުއްތަޤްސީީޠު" ހާއްސަ ވަނީ މަހުން މަހަށް ބަހާލައިގެން މުދާ ނެގުމުން އެ މުދަލެއް ވަގުތުން ކަސްޓަމަރުންނަށް މިލްކުވާތީ އެވެ.

މި ފައިނޭންސް ޕްރޮޑަކްޓާ ބެހޭ ގޮތުން، އެލިއާ ޝަރިއާ ބޯޑުގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މި "ބައިޢުއްތަޤްސީީޠު" ފަރުމާކުމުގައި ވަރަށް ގިނަ ގޮތް ގޮތަށް ބަލާފައިވާނެ ކަމަށެވެ. މިގޮތުން އިސްލާމިކް ފައިނޭންސްގެ "ބެސްޓް ޕްރެކްޓިސް"އަށް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިޢުއްތަޤްސީީޠު" ހާއްސަވާ އެއް ގޮތަކީ މި ނިޒާމުގެ ދަށުން ނަގާ މުދަލަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ދަނިކޮށް ނުދެއްކި މަހެއް ދިޔަ ނަމަވެސް އަރާ ފައިން ނުނެގުން،" މުނީޒާ ވިދާޅުވި އެވެ.

އެލިއާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރިއާ ހުއްދަކުރާ ފައިނޭންސް ޕްރޮޑަކްޓެއް ނެރުނު ކުންފުންޏެވެ. އެ ކުންފުނިން 2013 ވަނަ އަހަރު ތައާރަފުކޮށްފައިވާ އިޖާރާގެ މަގުބޫލުކަން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ.