އެމްޑަބްލިއުއެސްސީ

ރޯދަ މަހުގެ ފެން ބިލަށް ޑިސްކައުންޓް ދެނީ

ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓް ބިލާއި ފެން ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެކަން އެގޮތަށް ކޮށްދިނުމަށް އެމްޑަބްލިއުއެސްސީ އިން ނިންމައިފި އެވެ.

ފެން ބިލަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވަނީ މިދިޔަ މާޗް 11 ވަނަ ދުވަހުން ފެށިގެން މިދިޔަ އޭޕްރީލް 12 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންވާ ފެނަށް އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައަޅާފައިވާ އުސޫލުންނެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި މުއްދަތުގެ ތެރޭގައި ޑިސްކައުންޓްގެ ގޮތުގައި 14.13 މިލިއަން ރުފިޔާ ދޭނެ ކަމަށެވެ. އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ 24.5 ޕަސަންޓެވެ. ނަމަވެސް މިބިލްތަކުގައި ރޯދަ މަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށެވެ. އެހެންވެ ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލްތަކުގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ބޭނުންކުރި ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާތީ މިއަހަރުގެ އޭޕްރީލް މަހުގެ ބިލްތަކަށްވެސް ވަކި އުސޫލެއްގެ ތެރެއިން ޑިސްކައުންޓް ދިނުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ނިންމާފަ އެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ބިލް ޑިސްކައުންޓް ހިމަނައިގެން ފޮނުވާފައިވާ މާޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކުރާނެ އެވެ. މިގޮތުން އުނިކުރާ މިންވަރަކީ އޭޕްރީލް މަހުގެ ބިލްގެ 10 ޕަސަންޓަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ 10 ޕަސަންޓާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދޭނެ އެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދޭނެ އެވެ.

މީގެ އިތުރުން އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ މިދިޔަ އޭޕްރީލް މަހުގެ ބިލް ކަމުގައިވާނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދޭނެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އޭޕްރީލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި، މިހާތަނަށް މިދިޔަ އޭޕްރީލް މަހުގެ ބިލް ލިބިފައިވާ ފަރާތްތަކުގެ ބިލް އަލުން އިސްލާހުކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ހާލަތުގައި އެ މައުލޫމާތު މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރާނެ ކަމަށެވެ.

ކަރަންޓް ބިލާއި ފެންބިލަށް އިތުރަށް ދެވޭ ލުޔާއެކު ލަސްނުކޮށް ބިލްތައް ދެއްކުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ. އެމްޑަބްލިއުއެސްސީގެ ކަސްޓަމަ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމުން ނުވަތަ އީމެއިލް ކުރުމުން ކަމާ ގުޅޭ އިތުރު މައުލޫމާތާއި އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.