އައްޑޫ ސިޓީ

އައްޑޫ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރަން ހަވާލުކޮށްފި

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފި އެވެ.

މިރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދު އެވެ.

ސަރުކާރުގެ ބަޖެޓުން 282 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫއު އެއް އަހަރު ތެރޭގައި ނިންމަންޖެހެ އެވެ.

މިމަޝްރޫއުގެ ދަށުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތަކާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1،500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ ތިން ތާންގި އަދި 100 ޓަނުގެ ތިން ތާންގިއާ އެކު ހަ ތާންގި ބަހައްޓާނެ އެވެ.

ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އަކާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި 1،000 ޓަނުގެ ތިން ތާންގި ބަހައްޓާނެ އެވެ.

މީގެއިތުރުން ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއެކު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރަން 1000 ޓަނުގެ ޖުމްލަ ހަތަރު ތާންގި ބަހައްޓާނެ އެވެ.

މިމަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި ކަމާ ގުޅޭ މުވައްޒަފުން ތަމްރީން ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.