އެމްޑަބްލިއެސްސީއަކީ ޒީރޯ ކާބަން ކުންފުންޏަކަށް ހެދުމަކީ އަމާޒެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ތާޒާ ބުރޭންޑުގެ ފެނަށް އޯޑަރު ދެވޭނެ އެޕެއް އަދި ކޯޕަރޭޓް ވެބްސައިޓު ލޯންޗުކުރުމަށް ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ގޮތްތައް ބަލައި އެގޮތަށް ހިދުމަތް ދިނުން ކަމަށެވެ.
"މިގެނެވުނު ބަދަލާ އެކުވެސް ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ،" އެޕްލިކޭޝަނާއި ވެބްސައިޓަށް އިޝާރާތް ކުރައްވާ މަތީން ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ޕްލޭންގައިވާ ބައެއް ކަންކަން ހިއްސާކުރައްވަމުން މަތީން ވިދާޅުވީ އެ ކުންފުނީގެ އުފެއްދުންތައް ޕެކް ކުރުމަށް މިވަގުތު ގިނަ އަދަދަކަށް ޕްލާސްޓިކް ބޭނުންކުރަން ޖެހުނު ނަމަވެސް ޕްލާސްޓިކް މަދުކޮށް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށެވެ.
މަތީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ގުޅިފައި އޮތީ ތިމާވެށި ރައްކާތެރިކުރެވޭ ގޮތެއްގެ މައްޗަށް ކަމަށްވާތީ ތިމާވެށްޓާ ރަށްޓެހި ގޮތަށް މަސައްކަތް ކުރުމަށް އެ ކުންފުނިންވެސް ބޭނުންވާ ކަމަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ އެންމެ މަތީ މިންވަރަކަށް ބޭނުންކުރަން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
"އަމާޒަކީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް މިކުންފުންޏަކީވެސް ޒީރޯ ކާބަން ކުންފުންޏެއްގެ ގޮތުގައި ފެނިގެން ދިއުން،" މަތީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑަބްލިއުއެސްސީ އަކީ ތިމާވެށްޓާ ރަށްޓެހި ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ގިނަ ވެގެން ދެ އަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. މިބަދަލުތަކާ އެކު ރައްޔިތުންނަށް ފަސޭހަތަކެއް ލިބި ކުންފުންޏަށް ލިބޭ ފައިދާ އިތުރުވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީ އިން ރޭ ތައާރަފް ކުރި އެޕްލިކޭޝަން މެދުވެރިކޮށް ފެނަށް އޯޑަރު ދިނުމަށްފަހު އެ އޯޑަރު ޓްރެކް ކުރުމާއި އަދި ކުރިން އޯޑަރެއް ދީފައިވާނަމަ އެ މައުލޫމާތުތައްވެސް ބަލައިލެވޭނެ އެވެ.
ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އަކީ އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުންޏެކެވެ.