ހަބަރު

ނޭޕާލުން ޑޮކްޓަރުކަން ކިޔަވަން ހަތް ފަރާތަކަށް ފުރުސަތުދީފި

ނޭޕާލްގެ ތްރިބުވާން ޔުނިވާސިޓީން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ހަތް ފަރާތަކަށްދީ، އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ރޯޝަނީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހަތް ފަރާތަށް ސެޓިފިކެޓް ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެޑްވައިޒާ އާޒިމާ ޝުކޫރެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބް ވިދާޅުވީ، މި ފުރަސަތަކީ 2014 ވަނަ އަހަރު ތްރިބުވާން ޔުނިވާސިޓީ އާއި ހެލްތް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ. މި ފުރުސަތުގެ ދަށުން މިހާރުވެސް ތްރިބުވާން ޔުނިވާސިޓީ 16 ދިވެހި ޑޮކްޓަރަކު ސްޕެސިއަލައިޒްވަމުންދާ ކަމަށް ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަނާކޮށް ހިދުމަތްތަށް ރަނގަޅު ކުރެވިގެން ދާނީ ދިވެހި ޑޮކްޓަރުން ރަނގަޅު ތަމްރީނު ދެވިގެން ކަމަށެވެ.
އަދި މި ފުރުސަތަކީ ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީ ސްޕެސިއަލިސްޓުން މަދުކުރުމަށްޓަަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށް ހަބީބް ވިދާޅުވި އެވެ.

"މިހާރުވެސް ތްރިބުވާން ޔުނިވާސިޓީ 16 ދިވެހި ޑޮކްޓަރަކު ސްޕެސިއަލައިޒް ވޭ. އެންމެ ފުރަތަމަ ބުރުގެ މީހުން ގްރަޖުއޭޝަން ފުރިހަމަކޮށް އަންނަ އަހަރު ރާއްޖެ އައިސް ހިދުމަތަށް ނުކުންނާނެ. މީގެ އިތުރުން ނޭޕާލުގެ ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް އެންޑް ސައިސްގައި މިހާރު ވެސް 20 ޑޮކްޓަރުން ތަމްރީނު ވަމުން އެބަ ދޭ،" ހަބީބް ވިދާޅުވި އެވެ.