ހަބަރު

ކޮޅުވެއްޓިއަށް އެހީ ނުވެ ދިޔަ ބޯޓްގެ މައްސަލަ ބަލަނީ

ގެއްލުނު، "މާރިޔާ ތިނެއް" ކޮޅުވެއްޓީގައި ތިބި މީހުން ކަނޑުމަތީގައި އެހީއަށް އެދުމުން އަޅާނުލައިދިޔަ ބޯޓުގެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ. ކޮޅުވެއްޓީގައި ދިވެހި ދެމަފިރިންނާއި ހަތަރު ބިދޭސީން ތިއްބެވެ.

ކޮޅުވެއްޓީގައި ތިބި ހަ މީހުން ސަލާމަތްކޮށް މިއަދު އިންޑިއާ މަނަވަރެއްގައި އެމީހުން ވަނީ މާލެ ގެނެސްފަ އެވެ. މާލެއަށް އައުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ކޮޅުވެއްޓީގެ ކެޕްޓަން އާދަމް ނައީމް ބުނީ، 19 ވަނަ ދުވަހުގެ ރޭ ރާއްޖެއާ ކޮޅުވެއްޓި ކައިރިވޭތޯ ދުއްވާފައިދަނިކޮށް ބޯޓެއްގެ އިޝާރާތްވި އެވެ. އެ ބޯޓުގެ އެހީ ހޯދުމަށް އަލިފާން ވެސް ޖެހި އެވެ. ނަމަވެސް އެމީހުން އެހީތެރި ކަމެއް ނުލިބުނެވެ.

"އަލިފާން ޖަހާ އުޅެން ހެދީމަ އެ ބޯޓު އަނބުރާލާފަ ދުރަށް ދިޔައީ، އެ ދިޔަ ގޮތަށް އެ ބޯޓު ދިޔައީ، ކޮން ރަށެއްގެ ބޯޓެއް ކަމެއް ނޭނގޭ އެ، އެ ދިޔައީ މ. އަތޮޅާއި ލ. އަތޮޅާ ދޭތެރޭ ހުޅަނގު ބިތަށް، އޭރު ކޮޅުވެއްޓި އޮތީ ރާއްޖެއާ 119 މޭލު ބޭރުގަ،" ނައީމް ބުންޏެވެ.

މިކަމާ ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެކަމުގެ މައުލޫމާތު ފުލުހުން ސާފުކުރަމުންދާ ކަމަށެވެ. އަދި މައުލޫމާތުތައް ހޯދައި އެ މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ.

"އެކަމަށް އަޅައިނުލާ ފުލުހުން ދޫނުކޮށްލާނަން، މައްސަލަ ބަލާނަން،" ޝިފާން ވިދާޅުވި އެވެ.

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކޮޅުވެއްޓީގެ މިސްރާބު އޮޅިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ކޮޅުވެއްޓި ގެއްލިގެން މި މަހުގެ 18 ވަނަ ދުވަހު ހޯދަން ފެށިއިރު އެ ކޮޅުވެއްޓި ފެނިފައިވަނީ 20 ވަނަ ދުވަހުގެ ރެ އެވެ. ފެނުނުއިރު ކޮޅުވެއްޓި އޮތީ، ލ. އިސްދޫ 130 މޭލު ބޭރުންނެވެ. ކޮޅުވެއްޓި ފެނުނުއިރު އޭގެ ތިބި އެންމެންގެ ހާލު ވެސް ރަނގަޅެވެ.