ހަބަރު

ފިޔަވަތީގެ ކުދިންނަށް ލައިބްރަރީއެއް ގާއިމްކޮށްދީފި

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުމާޅޭގައި ހުންނަ ކުޑަ ކުދިންގެ ހިޔާ، ފިޔަވަތީގައި ލައިބްރަރީއެއް ގާއިމް ކޮށްފި އެވެ.

ފިޔަވަތިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ލައިބްރަރި ހުޅުއްވާ ދެއްވާފައި ވަނީ ޖެންޑާ މިނިސްޓާ ޒެނީޝާ ޝަހީދު ޒަކީ އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އާދިލް މޫސާ އެވެ.

މިއަދުގެ ރަސްމިއްޔާޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ ފިޔަވަތީގައި ދިރިއުޅޭ ކުދިން ބިނާ ކުރުމަށްޓަކައި އެހެން ކުދިންންނެކޭ އެއްފަދައިން އެކުދިންނަށް ވެސް ގިނަ ފުރުސަތެއް ތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

އަދި މިފަދަ ލައިބްރަރީތައް ގާއިމް ކުރެވުމުން އެކުދިންނަކީ ވެސް ފޮތް ކިޔުމަށް ޝައުގުވެރިވާ ތައުލީމީ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުދިންތަކަކަށް ހެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފިޔަވައްޗަކީ ތަފާތު އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރި އުޅެމުންދާ 10 އަހަރުން ދަށުގެ ކުދިން ބޭތިއްބުމަށް ހާއްސަކޮށްގެން ހުޅުވާފައިވާ މަރުކަޒެކެވެ. މި މަރުކަގައި ނުވަދިހައެއްހާ ކުދިން ދިރިއުޅެމުން ދާއިރު މިނިސްޓްރީ އިން އަންނަނީ އެކުދިންނަށް އެކި ފުރުސަތުތައް ހޯދައި ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.