ހަބަރު

ޝައިނީގެ އިސްތިއުފާއަށް ތޯރިގު ގޮވާލައްވައިފި

ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިސްތިއުފާއަށް ޕީޕީއެމް ޕީޖީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މެންބަރު އަހުމަދު ތޯރިގު މިއަދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝައިނީގެ އިސްތިއުފާއަށް މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު ގޮވާލެއްވީ ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ޝައިނީގެ އިސްތިއުފާ ދޭންޖެހޭ ހަ ސަބަބެއް ކަމަށް ވިދާޅުވެ ހަ ކަމެއް ފާހަގަކުރައްވާފަ އެވެ.

އެގޮތުން ތޯރިގު ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ބަޔަސް ނުބެޔަސް ސިޔާސަތު ފެއިލްވެފައިވުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މެންބަރުން އެދިފައިވާ ގޮތަށް މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމަށް ރެގިއުލޭޓަރީ ބޮޑީއެއް އުފެއްދިފައިނުވުމެވެ.

ދެން ފާހަގަކުރައްވަނީ ކަމަކީ ބޮޑު ކަންނެލި ބޭރު ކުރާ ފަރާތްތަކާ ޝައިނީއާ ދެމެދު ޖާއިޒު ނޫން ގުޅުންތަކެއް އޮންނަ ކަމަށް މަސްވެރިން ދެކޭ ދެކުމެވެ. ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މާލޭގެ ފަޅުގެ ދަތިކަމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބިފައިނުވުމެވެ.

ފަސްވަނަ ކަމެއްގެ ގޮތުގައި ތޯރިގު ފާހަގަކުރައްވާފައިވަނީ، ވޭތުވެދިޔަ އަހަރުގެ މިނިސްޓްރީގެ އޮޑިޓު ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ނުދާ ކަމެވެ. ފަހު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންގެ މަސައްކަތަށް ހުރި ދަތިތައް ހައްލުވެފައިނުވާ އިރު މިނިސްޓަރު ޝައިނީ އެ މަގާމުގައި ހުންނަވައިގެން ކުރިއަށް އޮތްތާ ވެސް މައްސަލަތައް ހައްލުވާނެ ކަމަށް ނުފެންނާތީ ކަމަށެވެ.

މަސްވެރިންނަށް ހުރި ދަތިތައް ހައްލުނުވާ ކަމަށް ވިދާޅުވެ މީގެ ކުރިން ވެސް މެންބަރު ތޯރިގު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. މިކަމާ ގުޅިގެން މިނިސްޓަރު ޝައިނީ މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.