ހަބަރު

ޓްރެވަލް ބްލޮގަރުންނަށް ހާއްސަކޮށް ޕާޓާ އެކަޑަމީ ފަށައިފި

މަޓާޓޯ އިން ޕެސިފިކް އެސޯއިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (ޕާޓާ) އެކަޑަމީ ވޯކްޝޮޕް ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފަށައިފި އެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށްދާ ޕްރޮގްރާމަކީ ޕާޓާގެ ފަރާތުން ރާއްޖޭގައި ބާއްވާ ފުރަތަމަ އިވެންޓެވެ. "ދަ އާޓް އޮފް ސްޓޯރީޓެލިންގް" ގެ ނަމުގައި ފެށި އެ ވޯކްޝޮޕްގައި ރިސޯޓްތަކާއި ރާއްޖޭގެ ހާއްސަކޮށްލެވޭ ޕްރޮޑަކްޝަން ހައުސްތަކާއި، ނިއުސް މީޑިއާތަކުގެ އިތުރުން ޔުނިވާސިޓީތައްވެސް ބައިވެރިވެފައި ވެއެވެ. މީގެތެރޭގައި ޓްރެވަލް ރައިޓަރުންނާއި ބްލޮގަރުންވެސް ހިމެނެ އެވެ.

މަޓާޓޯގެ ސެކެއްޓަރީ ޖެނެރަލް އިބްރާހިމް މުނާޒް ވިދާޅުވީ މި އިވެންޓް ހާއްސަ ކޮށްފައިވަނީ ބްރޭންޑިނާއި މާކެޓިން އަދި ކްރިއޭޓިވް ޕްރޮޑަކްޝަން ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށާއި އަދި ހާއްސަކޮށް ޓްރެވަލް ސެކްޓާގަ ޑެސިގްނޭޝަން އާއި ގުޅިގެން މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ. މި ވޯކްޝޮޕްގައި ބޮޑަށް އަލިއަޅުވާލެވިގެން ދާނީ ސޯޝަލް މީޑިއާ އާއި ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެންމެ ބޭނުންތެރި ގޮތެއްގައި މާކެޓިން ކެމްޕޭނުތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި މެދުގައި ކަމަށް މުނާޒް ވިދާޅުވި އެވެ.

"މިއީ ޕާޓާ ހިޔުމަން ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމުގެ ދަށުން ހިންގާ ޕްރޮގްރާމެއް. މިއީ ޕާޓާގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު. ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ރާއްޖޭގައި ބޭއްވިގެންދާނެ. އަދި މިއީ މަޓާޓޯގެ ފަރާތުން ރާއްޖޭގައި ބާއްވާ ދެވަނަ އިވެންޓް. މިއަހަރު އިތުރު އިވެންޓްތައް ވެސް ކުރިއަށް ގެންދާނަން." މުނާޒް ވިދާޅުވި އެވެ.

އެ ވޯކްޝޮޕްގައި 35 ފަރާތަކުން ބައިވެރިވެފައި ވެއެވެ. ވޯކްޝޮޕްގައި ލެކްޗާ ދެނީ ތައިލެންޑްގައި ހުންނަ ޕާޓާ ހެޑް އޮފީހުގެ އިސް ބޭފުޅުންނެވެ. އަދި މި ވޯކްޝޮޕްގައި ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކައިލް ސެންޑިލޭންޑްސް އާއި މަޓާޓޯގެ ރައީސް ގިޔާސް ރިޔާޒް އަދި ޕާޓާގެ ޗީފް އެގްޒެކެޓިވް އޮފިސާ ޑރ. މާރިއޯ ހާޑީވެސް ބައިވެރިވެފައި ވެއެވެ.