ފަލަސްތީން

ޒަކާތު ހައުސްގެ އެހީގައި ފަލަސްތީނަށް ފެން ފޯރުކޮށްދީފި

މޯލްޑިވްސް ޒަކާތު ހައުސް އިން ފޯރުކޮށްދިން ފައިސާގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ފެން ފޯރުކޮށްދީފި އެވެ.

ގަތަރު ރެޑް ކްރެސެންޓުން ބުނި ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އިން ފޯރުކޮށްދިން ފައިސާގެ އެހީތެރިކަމާއެކު ގާޒާއަށް ފެން ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ގޮތުން 6،000 ކޭސް ފެން ވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި ޒަހަމްވެފައިވާ މީހުންނަށް ފޯރުކޮށްދީފަ އެވެ.

ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 50،000 ކޭސް ފެން ބެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް ގަތަރު ރެޑް ކްރެސެންޓުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ހަދިޔާކުރަން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އޮންލައިންކޮށް ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ފައިސާއާ ހަވާލުވާ ފަރާތުގެ ހައިސިއްޔަތުން ގަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުހައްމަދު އަލްއެމަދީ އެވެ.