ދިވެހިރާއްޖޭގެ ޒަކާތު ހައުސް

ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑެއް އާންމުކޮށްފި

ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މި އަސާސްތަކާއި މިންގަނޑުތަކަކީ ރާއްޖޭގައި އަލަށް ތައްޔާރުކޮށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ.

މިއީ ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުއީ އަސާސްތައް ބަޔާންކުރުމަށްޓަކައި ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ އަސާސެކެވެ.

މިރަސްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަގުސަދު ހާސިލްވަމުންދާ ކަމަށެވެ.

"މިއަދު މިއާންމުކުރި އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓު. މިއީ ޒަކާތު ހައުސްގެ އެންމެ މުހިއްމު ލިޔުން،" ޝަހީމް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އައްޝައިޚް އިއްޒައްދީން އަދުނާން ވިދާޅުވީ މި މަސައްކަތް ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޒަކާތު ހައުސްގެ މުހިއްމު މަސައްކަތްތަކެއް ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޒަކާތު ހައުސް އިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ގުރުއާނާއި ކީރިތި ރަސޫލާގެ ސައްހަ ސުންނަތާއި ދަންނަ ބޭކަލުންގެ އިޖުމާއުއާއި ގިޔާސްއާއި އިސްލާމީ ފިގުހުގެ ގަވައިދުތަކާއި އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ އަލީގައްޔާއި ބައިނަލްއަގްވާމީ އިސްލާމީ ފިގުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސުތަކުގެ ގަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ގައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން އަމަލުކުރަމުންދާ ފިގުހީ އުސޫލުތަކަށް ބަލައިގެން ކަމަށެވެ.

އަސާސްތަކާއި މިންގަނޑުތަކުގެ މަގުސަދުތައް:

ޤުރުއާނާއި ސުންނަތުގައި ބަޔާންކޮށްފައިވާ ފަދައިން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުން.
މުދަލު ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުއީ އަސާސްތައް ބަޔާންކުރުން.
މުދަލު ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން.
ޒަކާތް ނެރުން ވާޖިބުވާ މުދަލާއި އޭގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް
މުދަލު ޒަކާތް ދެއްކުމާ ގުޅޭ އާންމު އުސޫލުތައް
ޒަކާތު ބެހެނިވެރީންގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް

މި ރަސްމިއްޔާތުގައި ވަނ ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް އެކުލަވާލުމުގައި ބައިވެރިވި ބޭފުޅުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންވެސް ދީފައިވެ އެވެ.