ޒަކާތް

ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެއް މިލިއަން ރުފިޔާގެ އެހީ

ޒަކާތު ފަންޑުން މިދިޔަ ސެޕްޓެމްބަރު މަހު ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.1 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހަރަދުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޒަކާތު ފަންޑުން އެހީވެފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނަށް އެހީގެ ގޮތުގައި 364،683 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެހީ ދެވިފައިވާ މައިގަނޑު ކަންކަން

  • ކެންސަރު - 364،683 ރުފިޔާ
  • ސިކުނޑީގެ އޮޕަރޭޝަން - 76،329 ރުފިޔާ
  • ކިޑްނީ ބަލިތައް - 50،886 ރުފިޔާ
  • ހިތުގެ އޮޕަރޭޝަން - 38،164.50 ރުފިޔާ
  • ޓްރާންސްޕްލާންޓް - 25،443 ރުފިޔާ
  • އެހެނިހެން ބަލިތައް - 658،260.78 ރުފިޔާ

ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި ފާއިތުވި ސެޕްޓެމްބަރު މަހު ޒަކާތު ފަންޑުން 131 މީހަކަށް ބޭސްފަރުވާގެ އެހީ ދީފައިވެ އެވެ.

ޒަކާތު ފަންޑުން ސްކޮލަޝިޕްތަކަށް 43،021.80 ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ މުވައްޒަފުންގެ އުޖޫރަ -- އާމިލުންނަށް 263،636.24 ރުފިޔާ ހޭދަކުރި އެވެ.