ޒަކާތް

މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅައިފި

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނި ގޮތުގައި ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ 9،353.40 ރުފިޔާ އެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަށް ބަދަލު ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި މުދަލު ޒަކާތުގެ ނިސޯބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.