ފަލަސްތީން

ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން އެއްލައްކަ ޑޮލަރު ހަދިޔާކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ދިވެހި ރައްޔިތުން ޣައްޒާގެ ރައްޔިތުންނަށް އެހީގެ ފޮނުވި އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާގައި ފޮނުވަން ގަސްދުކުރާ އެއް ލައްކަ ޑޮލަރު ފޮނުވާނީ ދެ ފަހަރަކަށް ބަހާލައިގެން ކަމަށެވެ.

"މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް. މިއީ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން ދޭން ނިންމާފައިވާ އެއްލައްކަ ޑޮލަރަކީ ރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ބަޔަކަށް އެހީގެ ގޮތުގައި ދޭ ފުރަތަމަ އެހީ އެވެ.